ހަތަރުވަނަ ފަހަރަށް ސާފްގެ މޮޅު ކުޅުންތެރިޔަކަށް ޗެތުރީ

ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތު ކޮޅަށް ގޯލު ޖެހުމަށްފަހު، އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އުފާފާޅުކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަތަރުވަނަ ފަހަރަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ހޯދައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި އިންޑިއާ އިން ވަނީ ކުވައިތު ބަލިކޮށް، ނުވަވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާ މޮޅުވީ 4-5 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިންޑިއާގެ ކެޕްޓަން ޗެތުރީއެވެ. މުބާރާތުގެ ހުރިހާ މެޗެއްގައި ވެސް ފެނިގެންދިޔަ ޗެތުރީ ވަނީ މޮޅު ކުޅުމެއް ދައްކައި، އޭނާގެ ލީޑާޝިޕް ދައްކާލައިފައެވެ.

މީގެ ކުރިން ވެސް ތިން ސާފް ޗެމްޕިއަންޝިޕެއްގައި ޗެތުރީ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. 2011 އިން ފެށިގެން އިންޑިއާ އިން ކާމިޔާބުކުރި ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޗެތުރީއެވެ. އެއީ 2011، 2015 އަދި 2021 ގެ ސާފް ޗެމްޕިއަންޝިޕްގައެވެ.

މިފަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ޗެތުރީއެވެ. އޭނާ ވަނީ މިފަހަރުގެ މުބާރާތުގައި ހަ ގޯލު ކާމިޔާބުކޮށްފައެވެ. އެއާއެކު އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖަހައިގެން ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. ދަގަނޑޭ އަދި ޗެތުރީ ވެސް، ކޮންމެ ކުޅުންތެރިޔަކު ވަނީ ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ބަންގުލަދޭޝަށް މޮޅު ކުޅުމެއް ދެއްކި ކީޕަރު އަނީސުރް ރަހުމާނެވެ.

comment ކޮމެންޓް