ކުވައިތު ބަލިކޮށް، އިންޑިއާ އިން ނުވަވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން ތަށި ދިފާއުކުރީ އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީން ކުވައިތު ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީން އިންޑިއާ މޮޅުވީ 5-4 ގެ ނަތީޖާއަކުންނެވެ.
އެ މެޗަށް އިންޑިއާ އިން ނުކުތީ ނުވަވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށެވެ. އަދި އަލަށް މުބާރާތުގައި ވާދަކުރާ ކުވައިތުން މެޗަށް ނުކުތީ ސާފް ޗެމްޕިއަންޝިޕް ހޯދާ ސަރަހައްދުން ބޭރު ފުރަތަމަ ޓީމުގެ ޝަރަފު ހޯދުމަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުން ވެސް އެޓޭކުތަކެއް ކުރަމުންދިޔަ އިރު، ޑިފެންސަށް ވެސް އިސްކަމެއް ދިންތަން ފެނިގެންދިޔައެވެ. އެގޮތުން ބޯޅަ ގެއްލުމާއެކު ދެ ޓީމުން ވެސް ފަހަތަށް ފައިބާކަން ފާހަގަކޮށްލެވިގެންދިޔައެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ކުވައިތުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝަބައިބް އަލް ޚަލްދީއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ އަބްދުﷲ އަބްލޫޝީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
އެ ގޯލަށްފަހު އިންޑިއާގެ އެޓޭކު ވަރުގަދަކޮށް ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާއަށް ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ފޮނުވާލި ހަަމަލާއެއް އަދި ޕެނަލްޓީ އޭރިއާ ތެރެއިން އަނިރުދް ތާޕާ ފޮނުވާލި ހަމަލާއެއް ކުވައިތުގެ ކީޕަރު އަބްދުލް ރަހުމާން މަރުޒޫގަށް މަތަކުރަން ޖެހުނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، އިންޑިއާ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލާލިއަންޒުއާލާ ޗާންގްޓޭއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ސަހަލް އަބްދުލް ސަމަދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ޑިފެންސަށް އިސްކަމެއް ދިން އިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ވެސް ނުވެއެވެ.
މެޗުގެ 62 ވަނަ މިނެޓުގައި އިންޑިއާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސުނިލް ޗެތުރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލަލިއަންޒުއާލާ ޗާންގްޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ކުވައިތު ކީޕަރު އަބްދުލް ރަހުމާން މަރްޒޫގާ ދިމާއަށެވެ.
ދެވަނަ ހާފުގެ ފަހުކޮޅު ކުވައިތުގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހަމަދް އަލް ގަލަފް އަދި މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ ވެސް އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކުވައިތަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައެވެ. ދެވަނަ ހާފުގައި ވެސް ނަތީޖާ ނެރެވިފައި ނުވުމުން، ނަތީޖާ ނެރުމަށް ދެން ކުޅެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފެވެ.
މެޗުގެ އިތުރު ވަގުތުގައި ދެ ޓީމުން ވެސް ފެނިގެންދިޔައީ ބޮޑަށް ޑިފެންސިވް ކުޅުމެކެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކުވައިތަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހަމަދް އަލް ފަހާދް ފޮނުވާލި އެ ހަމަލާ، އިންޑިއާގެ މަހޭޝް ސިންހް ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ. އިތުރު ވަގުތުގައި ވެސް ނަތީޖާ ނެރެވިފައިނުވުމުން، ދެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓުން ނަތީޖާ ނެރުމަށެވެ.
ޕެނަލްޓީގައި އިންޑިއާގެ ފަސް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ، ލަލިއަންޒުއާލާ ޗާންގްޓޭ، ސުބާޝިސް ބޯސް އަދި މަހޭޝް ސިންހެވެ. އިންޑިއާ އިން ނާކާމިޔާބުކުރީ އުދަންތާ ސިންހް ފޮނުވާލި ޕެނަލްޓީއެވެ.
ކުވައިތުގެ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފަވާޒް އަލޮތައިބީ، އަހުމަދު އަލް ދެފީރީ، އަބްދުލް އަޒީޒް މަހުރާން އަދި ޝަބައިބް އަލް ޚަލްދީއެވެ. އެޓީމުގެ މުހައްމަދު އަބްދުﷲ ފޮނުވާލި ޕެނަލްޓީ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ކެޕްޓަން ޚާލިދް ހާޖިއާގެ ޕެނަލްޓީ އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައެވެ.