މެޗުގެ ތެރޭގައި ކީޕަރުގެ ކަކުލުން ޖެހި އަނިޔާވި ޓެނެރީފްގެ ފޯވާޑް ޖީސަސް މަރުވެއްޖެ

މަރުވި ޖީސަސް އާއި ގޯލްކީޕަރާއި ދެ މީޙުން ޖެހެނީ -- ފޮޓޯ/ ދި އޮލިވްޕްރެސް

ސްޕެނިޝް ސެކަންޑް ޑިވިޝަންގައި އިއްޔެ ކުޅުނު މެޗެއްގެ ތެރޭގައި އިދިކޮޅު ޓީމުގެ ގޯލްކީޕަރާ ބޮޑު ކުރިމަތިލުމެއް ހިނގައި ލިބުނު އަނިޔާތަކާ ގުޅިގެން، ޓެނެރީފްގެ ފޯވާޑް ޖީސަސް ޑި މިގުއެލް މަރުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ މިގުއެލް މަރުވުމާ ގުޅިގެން މުޅި ފުޓްބޯޅަ އާއިލާއަށް ވަނީ ފުން ހިތާމައެއް ވެރިވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޓެނެރީފްގެ އެސްޓާޑިއޯ ހެލިއޯޑޯރޯ ރޮޑްރިގޭޒް ލޮޕޭޒް ސްޓޭޑިއަމްގައި އެންޑޯރާއާ ދެކޮޅަށް ކުޅެމުންދިޔަ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައެވެ.

މެޗުގެ ތެރެއިން ގޯލްކީޕަރުގެ ކަކުލުން ޖެހި ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް މަރުވި ޖީސަސް ޑި މިގޭލް... ފޮޓޯ/ އެން.އަރާ.ކެޓް

ޓެނެރީފްގެ ޕެނަލްޓީ އޭރިއާއިން ބޭރުކޮށްލި ބޯޅައެއް ދަނޑުގެ މެދެއްހާ ހިސާބަށް ދިޔަ ވަގުތު، ބޯޅަ ހޯދަން މަސައްކަތްކުރި މިގުއެލްގެ މޭމައްޗަށް އެންޑޯރާގެ ގޯލްކީޕަރު ޖީސަސް އޮވޮނޯގެ ކަކުލުން ވަނީ ވަރަށް ބާރަށް ޖެހި އަނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން ރެފްރީ ވަގުތުން ކީޕަރަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ.

މި ހާދިސާއަށްފަހު ދަނޑުމައްޗަށް ވެއްޓި ޚަބަރު ހުސްވި މިގުއެލްއަށް އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމުތަކުން ވަދެ މަސައްކަތްކުރި އިރު، ދެ ޓީމުގެ ކުޅުންތެރިން ވެސް ތިބީ ފެންކަޅިވެ ރޮވިފައެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން މެޗު ވަނީ މެދުކަނޑާލައި ކެންސަލްކޮށްފައެވެ. އެމްބިއުލާންސްގައި ސަންޓާ ކްރޫޒްގެ ހޮސްޕިޓަލް ޔުނިވަސިޓޭރިއޯ ޑި ނުއެސްޓްރާ ސެނިއޯރާ ޑި ކެންޑެލާރިއާއަށް ގެންދިޔަ މަގުމަތީގައި މިގުއެލްގެ ހިތް ހުއްޓުނު ކަމަށާއި، ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މިއަދު ހެނދުނު ޓެނެރީފް ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ހިތާމައިން ފުރިގެންވާ ހާލުގައި، ގަބޫލުކުރަންވެސް ދަތި މި ހިތްދަތި ވަގުތު، ޖީސަސް ކުއްލި ގޮތަކަށް މަރުވި ޚަބަރު ހިއްސާކުރާކުރާކަަމށެވެ.

ޖީސަސް އަށް އަނިޔާވެގެން ދަނޑުން ބާލަނީ... ފޮޓޯ/ އައިރިސް

މިއީ ބަޔާންކުރަން ދަތި ފުން ހިތާމައެއް ކަމަށާއި ކުޅުންތެރިޔާގެ އާއިލާއާއި، ލޯބިވާ ފަރާތްތަކާއި، މި ހިތްދަތި ވަގުތުގައި ހިތާމަކުރަމުންދާ ޓެނެރީފްގެ އެންމެހައި ރައްޔިތުންނާއެކު ކްލަބުން ސާބިތުވެ ތިބޭނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މެޑްރިޑަށް އުފަން މިގުއެލް ކެރިއަރު ފެށީ 2015 ވަނަ އަހަރު ލެގަނޭސް ބީ އިންނެވެ. އޭގެ ފަހުން ސްޕެއިންގެ އަށް ކްލަބަކަށް ކުޅެފައިވާ މިގުއެލް ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތެރެއަށް ވަނީ 2024 ވަނަ އަހަރު ކަސްޓެލޮންއިންނެވެ.

އެ ޓީމު ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި 16 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށްފަހު، އޭނާ ޓެނެރީފްއާ ގުޅުނީ 2025 ވަނަ އަހަރު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އޭނާ މިހާރުގެ ކުލަބު ޓެނެރީފްއާއި ގުޅުނު ފަހުން މިހާތަނަށް ކުޅެދިން 29 މެޗުގައި 11 ލަނޑު ޖަހައިދީފައިވެއެވެ.

comment ކޮމެންޓް