ވިއްސައިގެން ދިޔައީ ހަރުނުކޮށްހުރި ޕެނަލްތަކެއް، ހައިވޭގައި ދަތުރުކުރަން ނުރައްކަލެއް ނެތް: މިނިސްޓްރީ

ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް--

ބްރިޖު ހައިވޭގައި ޖަހާފައިހުރި ސޯލާ ޕެނަލްތައް ވިއްސައިގެން ނުދާ ކަމަށާއި، ވިއްސައިގެން ދިޔައީ އަދި ހަރުނުކޮށް ހުރި ޕެނަލްތަކެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

މިއަދު ހަވީރު ޖެހުނު ގަދަ ވަޔާއެކު ބްރިޖް ހައިވޭގައި ޖަހާފައިހުރި ސޯލާ ޕެނަލްތައް ނައްޓައިގެންދާކަމަށް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޑރ. މުއިއްޒުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ފާހަގަވެފައިވާކަމަށާއި، އެގޮތުން މިއަދު ހަވީރު ހަތަރު ޕެނަލް ވިއްސައިގެން މޫދަށް ގޮސްފައިވާކަމަށެވެ.

ނަމަވެސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިހާތަނަށް ބެލިބެލުމުން، ޕެނަލް ހަރުކޮށްފައިވާ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ވެފައިވާކަން ފާހަގަނުކުރެވޭ ކަމަށާއި ޑިޒައިންގެ މައްސަލައެއް ވެސް ފާހަގަނުކުރެވޭ ކަމަށެވެ.

"ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިނެތް،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިކަމާ ގުޅޭގޮތުން، ބްރިޖު ހައިވޭ ސޯލާ ޕެނަލް މަޝްރޫއު ކުރިއަށްގެންދާ އެސްޕަޔާ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު "ސަން"އަށް ވިދާޅުވީ، ވަޔާއެކު ވިއްސައިގެން ދިޔަކަމަށް ބުނާ ހަތަރު ޕެނަލަކީ އެވަގުތު ހަރުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް އައި ގަދަ ވަޔާއެކު މޫދާ ދިމާލަށް ވިއްސައިގެންދިޔަ ހަތަރު ޕެނަލްކަމަށެވެ.

"މިކަމެއް ހިނގިއިރު، ކުރިއަށްދިޔައީ އެ ޕެނަލްތައް ހަރުކުރުމުގެ ކުރިން އެލައިންކުރުމުގެ މަސައްކަތް،" އިފާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ހާދިސާގައި އެވަގުތު މަސައްކަތުގައި އުޅުނު އެއްވެސް މީހަކަށް އަދި އެނޫންވެސް މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައިނުވާކަމަށެވެ. އަދި ވަޔާ ވިއްސައިގެންދިޔަ ހަތަރު ޕެނަލް ވަގުތުން ނަގައި މަސައްކަތްކުރާ ސައިޓަށް ގެނެސްފައިވާކަމަށެވެ.

އިފާދު ވިދާޅުވީ މިކަން މިގޮތަށް ވީމާ ބަލަންޖެހޭ ކަންކަން ވަރަށް ގާތުން ބެލުމަށްފަހު އަންގަންޖެހޭ އެންގުންތައް ކޮންޓްރެކްޓަރަށް އަންގަމުންދާނޭ ކަމަށެވެ.

ސިނަމާލެ ބްރިޖުގެ ހުޅުމާލޭ ފަރާތު ލިންކްރޯޑްގައި އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތެކެވެ. މިއީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ކުރިއަށްގެންދާ 107.4 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްތަކުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ތައިލެންޑްގެ އެންސިސް ކުންފުންޏާއެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހެވެ.

އެސްޕަޔާ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތުން ލަފާކުރާގޮތުގައި މިހިނގާ ޖުލައި މަހުގެ ނިޔަލަށް މި މަޝްރޫއުގެ މަސައްކަތް ނިމޭނެއެވެ.

އެސްޕަޔާ ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ނިޒާމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓުން އެކަނި ވެސް، ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާގެ އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް