ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ގަދަ ވަޔާއެކު ވިއްސައިގެން ދާކަމަށް ފާހަގަވޭ: މުއިއްޒު

ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލް--

ބްރިޖު ހައިވޭގައި ޖަހާފައިހުރި ސޯލާ ޕެނަލްތައް ގަދަ ވަޔާއެކު ވިއްސައިގެންދާކަން ފާހަގަކުރެވިފައިވާކަމަށް މާލެސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ފާހަގަކުރެވިފައިވާއިރު، މިއަދު ހަވީރު ގަދަ ވަޔާއެކު ހަތަރު ޕެނަލް ވިއްސައިގެން މޫދަށް ގޮސްފައިވާ ކަމަށެވެ.

"ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާކަމެއް،" ޑރ. މުއިއްޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން، ބްރިޖު ހައިވޭ ސޯލާ ޕެނަލް މަޝްރޫއު ކުރިއަށްގެންދާ އެސްޕަޔާ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު "ސަން"އަށް ވިދާޅުވީ އެކަހަލަ ޚަބަރެއް އަޑުއިވިފައިވާ ކަމަށާއި، އެއީ ހިނގިކަމެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ސިނަމާލެ ބްރިޖުގެ ހުޅުމާލޭ ފަރާތު ލިންކްރޯޑްގައި އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތެކެވެ. މިއީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް