ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒަށް އަނިޔާވި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެެވެ.
ފުލުހުން "ސަން"އަށް ބުނީ، އެ އެކްސިޑެންޓް ހިނގި ވަގުތު ސައިކަލް ދުއްވަން އިން މީހާ އިއްޔެ ހައްޔަރުކުރުމަށް ފަހު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު އެ އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު ހާފިޒް، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.
އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އިންޑިއާއަށް ފުރުވާލާފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަފީޒް އިންޑިއާގެ ކޮޗިންއަށް ފުރުވާލީ މިއަދު 3:00ގައި އެއާ އެމްބިއުލާންސްގައެވެ.
މިކަމާ ގުޅިގެން ހަފީޒްގެ އާއިލާގެ މެންބަރަކު މީގެ ކުރިން "ސަން"އަށް ބުނީ، އެއާ އެމްބިއުލެންސްގެ ހުރިހާ ޚަރަދެއް ހަމަޖެހިފައި ވާކަމަށެވެ.
ހަފީޒްގެ އާއިލާއިން ވާހަކަދެއްކި މީހާ ބުނީ އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ.
އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ ހަފީޒްގެ ބޮލަށާއި މޫނަށެވެ. އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދީފައެވެ.
އެ ހާދިސާގައި ތުހުމަތު ކުރެވޭ މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.