މިނިވަން ނޫސްވެރިކަމާ ގުޅޭގޮތުން ނޫސް ކޮންފަރެންސެއްގައި ވާހަކަދެއްކުނު ގޮތާ ގުޅިގެން، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން އަމްރު މައާފަށް އެދިވަޑައިގެންފިއެވެ.
އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ސަރުކާރެއްގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ނޭދެވޭ ހުރިހާ ކަމެއް ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއްބާރުކަމަށެވެ. އަދި އެ ބާރުގެ މިނިވަންކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާތަކަށް ފައިސާގެ މިނިވަންކަން ލިބެންޖެހޭކަން ފާހަގަކުރައްވާ އަމްރު ވަނީ، މީގެ ދެދުވަސް ކުރިން ނޫސް ކޮންފަރެންސްއެއްގައި މިނިވަން ނޫސްވެރިކަމުގެ މުހިއްމު ކަމުގެ ވާހަކަ ގެންދެވުނު ގޮތުން ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން ފާހަގަކުރެވުނުކަމަށާއި އެ މޭރުމުން ވާހަކަ ގެންދެވުނުކަމަށްޓަކައި މައާފަށް އެދިފައެވެ.
އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ސަރުކާރެއްގެ އެއްވެސް ނުފޫޒެއް ނެތި އޮންނަންޖެހޭނެކަމަށް. އެކަން ވުމަށްޓަކައި ގާނޫނަކުން ބާރުލިބިގެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލުން މީޑިއާއަށްވެސް ގާނޫނަކަށް ބާރުލިބިގެން ފައިސާ ލިބުމުން ސަރުކާރެއްގެ އޭރަކު ތިބޭ ބަޔެއްގެ ރުހުން ހޯދަން ނުޖެހި މިނިވަންކަމާއެކީ ނޫސްވެރިކަން ކުރުމުގެ ޖާގަ ލިބޭނެ. ހުސެއިން އަމްރު
އަމްރު ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް ޓަކައި ސިޔާސަތު އެކުލަވާލާ މެނިފެސްޓޯގައި ހިމެނުމަށް ބާރު އަޅާނެ ކަމަށާއި އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާ ކުރިއަރައި ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ޒުވާނުން އިތުރުވާނެ ކަމަށެވެ.
އަމްރު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ސަރުކާރުން ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގައާއި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދިނުމުގަ ޒިންމާދަރުވުން ކަމަށެވެ. އެހެންކަމުން ފުރިހަމަ މިނިވަންކަން ލިބިފައިވާ މީޑިއާއެއް ރާއްޖޭގަ ގާއިމްވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވަކިވަކި ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލަން, މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ ގޮވާލައިފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި އެބޭފުޅުން ވަނީ ނޫސްވެރިންނަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކޮށްފައެވެ.