ވޭލި ފުޓްސަލް ޗެލެންޖް: ޗިކޯސް އިން ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފި

ގއ. ގެމަނަފުށީގައި ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ އަޔެގް

ގއ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް، އެފްސީ ޗިކޯސް އިން ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމަންޓް އޮފް ގެމަނަފުށި (އަޔެގް) ޖަމިއްޔާގެ ފަރާތުން ގއ. ގެމަނަފުށީގައި ބާއްވާ އެ މުބާރާތް މިފަހަރުު ޚާއްސަކޮށްފައިވަނީ ހަމައެކަނި ގެމަނަފުއްޓަށެވެ. އެ މުބާރާތުގައި އެރަށުން ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. ނުވަ ޓީމުގެ މެދުގައި މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ.

ގއ. ގެމަނަފުށީގައި ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ އަޔެގް

އެ މުބާރާތުގެ "ގްރޫޕު އޭ"ގައި އެފްސީ ޗިކޯސް އިން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ސީސީއެފްސީ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވި އިރު، ރޭ ކުޅުނު މެޗުގައި އެފްސީ ހައިނަސް އަތުން ވަނީ މޮޅުވެފައެވެ.

އެފްސީ ހައިނަސް އިން ވެސް ރޭގެ މެޗަށް ނުކުމެފައިވަނީ ފުރަތަމަ މެޗުގައި 5-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު އެފްސީ ޗިކޯސް އަތުން އެފްސީ ހައިނަސް ރޭ ބަލިވެފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެފްސީ ޗިކޯސްގެ އިރުޝާމް އާއި ހުސައިން ޝަރީފް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ. އެފްސީ ހައިނަސް އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު އިބްރާހިމް އަސްވާދު (ގަބޭ) ކާމިޔާބުކޮށްދިން އިރު، އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުމާނެވެ.

"ގްރޫޕު އޭ"ގައި ރޭ ކުޅުނު އަނެއް މެޗުގައި ވާދަކުރީ އެފްސީ ބައްތިރީސް އާއި ހުޓިކޮޑާއެވެ. އެ މެޗު 10-0 ގެ ބޮޑު ފަރަގަކުން ކާމިޔާބުކުރީ އެފްސީ ބައްތިރީސްއެވެ. އެ މެޗުގައި ބައްތިރީސް އިން ޖެހި ދިހަ ގޯލުގެ ތެރެއިން އަހުމަދު ޝާމާއި ޖުމައިލް ޖަމީލް، އެއިން ކޮންމެ ކުޅުންތެރިޔަކު ހަތަރު ގޯލު ކާމިޔާބުކޮށްދިނެވެ. އަދި އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ރަހުމަތުﷲ އިބްރާހީމާއި އަހުމަދު އަޖުވަދެވެ.

"ގްރޫޕު ބީ"ގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ލަނޑާ އެފްސީ އާއި ނިއު އޭޖް ސްޕޯޓްސް ކްލަބެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި ލަނޑާ އެފްސީގެ ދެ ގޯލު ވެސް އަޒުވާން ކާމިޔާބުކޮށްދިން އިރު، ނިއު އޭޖްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރިމާޒާއި ޝިޔާޒެވެ.

ގއ. ގެމަނަފުށީގައި ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ އަޔެގް

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ މުބާރާތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޖަމިއްޔާގެ ފައުންޑަރު މުހައްމަދު ޖަޒްލާން ވިދާޅުވީ މުބާރާތް އިންތިޒާމުކުރެވި ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމަކާއެކު ކަމަށާއި އެހެންކަމުން ރަށުގެ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ނަމުގައި ޖަމިއްޔާއަށް އެކި ގޮތްގޮޮތުން އެހީތެރިވަމުން އަންނަ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މުބާރާތް މުޅި އަތޮޅަށް ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކިންގުން އަންނަނީ ގެމަނަފުއްޓަށް ޖަމާވަމުން. މުބާރާތަށް ޓީމުތަކުން ލިބިގެން އަންނަނީ އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް،" ޖަޒްލާން ވިދާޅުވިއެވެ.

އަޔެގް ވޭލި ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްނެޓެވެ.

comment ކޮމެންޓް