ނޫސްވެރިން ލިޔާ ލިޔުންތަކާ ގުޅިގެން ޒާތީކޮށް ދިމާކުރާ މީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފިއެވެ.
ފަހަކަށް އައިސް ސިޔާސީ ބައެއް ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންނަށް ފުރައްސާރަ ކުރަމުންދާ ދިއުން އިތުރުވުމާ ގުޅިގެން، ނޫސްވެރިން ޙިއްޞާވާ ޖަމިއްޔާ އެމްޖޭއޭއިން ބުނީ، ވަކިވަކި ނޫސްވެރިންނާމެދު ސާބިތުނުހިފޭ ސީރިއަސް ތުހުމަތުތައްކޮށް ނޫސްވެރިކަމުގެ އަގު ވައްޓާލަން މަސައްކަތްކުރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
ނޫސްވެރިންނަކީ ގައުމުގައި ހިނގާ މުހިންމު ކަންކަން އާންމުންނާ ހަމައަށް ގެނެސްދީ ގައުމީ ބޮޑެތި މައްސަލަތައް އާންމުންނަށް ތިލަކޮށް ބާރުގައި ތިބޭ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކޮންމެ ދުވަހަކު މުހިއްމު މަސައްކަތްތަކެއް ކުރާ ބަޔަކަށްވާއިރު، އެމީހުން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާ ދިމާކޮށް ޒާތީ ތުހުމަތުތައް ކުރުމަކީ ތަހުޒީބުވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޖޭއިން ބުނެއެވެ.
މިފަދަ އަމަލުތައް ހިންގާ މީހުން އެކަން ކުރަނީ ގަސްތުގައި ރާވައިގެން ނޫސްވެރިންގެ މަސައްކަތަކީ ގައުމަށް ބޭނުމެއްނެތް ކަމެއްގެ ގޮތުގައި ދައްކައި، އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފައްދައި ނޫސްވެރިކަމުގެ މައްޗަށް ރައްޔިތުންނަށް އޮންނަ އިތުބާރު ނަގާލުމަށްކަމަށް ގަބޫލުކުރާކަމަށްވެސް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
"ނޫސްވެރިންނަށްވެސް ފާޑުކިޔަންވާނެ. ނަމަވެސް އެ ފާޑުކިޔުން ވާންޖެހޭނީ ޒާތީނުވެ އަސްލެއްނެތް ތުހުމަތުތަކުން އެއްކިބާވެ ތިބެ ކިޔޭ ބިނާކުރުވަނިވި ފާޑުކިޔުމަކަށް. އެފަދަ ބިނާކުރަނިވި ފާޑުކިޔުންތަކާއި ކަންކަން ރަނގަޅުކުރުމަށް ދޭ ހިޔާލުތަކަށް މި ޔޫނިއަނުން އަބަދުވެސް މަރުހަބާ ކިޔާނަން،" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ހުރި ޒަމާންވީ މައްސަލަތައްކަމަށްވާ މާލީ މިނިވަންކަން ނެތުމާއި ގާބިލް ނޫސްވެރިން އުފެއްދުން ފަދަ ގޮންޖެހުންތައް ހުރިކަން ގަބޫލުކުރާ ހާލު އެކަންކަން ހައްލުކުރެވޭނީ އެންމެން ގުޅިގެން މިފަދަ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކޮށްގެން ދެކޭކަމަށްވެސް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޖޭއޭއިން މިފަދަ ބަޔާނެއް ނެރެފައިމިވަނީ އިއްޔެ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް، ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ސީދާ ޖަވާބުދިނުމުގެ ބަދަލުގައި ނޫސްވެރިންނާ ޒާތީގޮތުން ދިމާކޮށް، ސާބިތުނުހިފޭ ވައްކަމާއި ރިޝްވަތުގެ ވާހަކަތަކެއް ނޫސްވެރިންނަށް އަމާޒުކޮށްފައިވަނިކޮށެވެ.