ނޫސްވެރިންނަށް ދޮގު ތުހުމަތުކޮށް، ސާބިތު ނުހިފޭ ވާހަކަދެއްކުން ހުއްޓާލަން ގޮވާލައިފި

ވަކި ވަކި ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަ ކޮށް ތުހުމަތު ކުރުން ހުއްޓާލަން, މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާތަކާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި އެބޭފުޅުން ވަނީ ނޫސްވެރިންނަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކޮށްފައެވެ.

އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރާ ބައެއް ސުވާލުތަކަކީ ސީދާ ސަރުކާރުގެ ނުފޫޒުން ކުރާ ސުވާލުތައް ކަމަށާއި، ފައިސާ ނަގާ ކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.

އެކަން ކުށްވެރިކޮށް އެމްއެމްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދައިން ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި، ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަންކަމަށް އެޅިގެންދާ ހުރަހެއް ކަމަށާއި، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އަދި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަން ކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގަކަށް ވާއިރު، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތު ކުރުމާއި ކްރެޑިބަލް ނޫސްވެރިންގެ އަތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެއް ކަމަށް އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

"ވަކިވަކި ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް، ތުހުމަތު ކުރުން ހުއްޓާލަން އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ." އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން، ނޫސްވެރިންނަށް އެކި އިންޒާރުތަކާއި އަނިޔާ ލިބޭ ކަމުގެ ޝަކުވާތައް އިތުރުވަމުން އަންނަކަމަށާއި، އެންމެ ގިނައިން ލިބެނީ ވަކި ވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމް އަޅުވާ ކަމުގެ ޝަކުވާތައް ކަން މީޑިއާ ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

އެކައުންސިލުން ބުނީ މި ފަދަ އަމަލުތަކުގެ ސަބަބުން ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރަން ނޫސްވެރިން ކުރާ މަސައްކަތަށް ވެސް ހުރަސް އެޅޭ ކަމަށެވެ.

comment ކޮމެންޓް