ބޭރުގެ އިންވެސްޓަރުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޗައިނާގެ ޝީ ވައުދުވެޑައިގެންފި

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ނިއު ޒީލެންޑުގެ ބޯޑުވަޒީރު ކްރިސް ހިޕްކިންސް --

ޗައިނާގައި އިންވެސްޓުކުރާ ބޭރުގެ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދީ، އިންވެސްޓުކުރަން ފަހި މާހައުލެއް ޤާއިމްކޮށްދޭން އެ ގައުމުގެ ރައީސް ޝީ ޖިންޕިން ވައުދުވެޑައިގެންފިއެވެ.

ޝީ މިހެން ވިދާޅުވީ ނިއު ޒީލެންޑުގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވެވުމުގައެވެ. މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ވަނީ ޗައިނާގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ނުރަނގަޅު އަސަރުނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް ވިދާޅުވެފައެވެ.

"ވެރިކަންކުރުމާއި ގައުމު އާރާސްތުކުރުމުގެ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާއިން އެންމެ އިސްކަންދެނީ ތަރައްގީއަށް... އެގޮތުގެ މަތިން ވިޔަފާރި ފުރުސަތުތައް އިތުރަށް ހުޅުވުމާއެކު، ގާނޫނީ އިމުގެ ތެރެއިން ބޭރު އިންވެސްޓަރުންގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދެމިތިބޭނަން" ޝީ ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ބޭރުގެ އިންވެސްޓްމަންޓުތައް އިތުރުކުރަން މަސައްކަތްކުރަމުން މިދަނީ އެ ގައުމުގެ އިޤުތިޞާދު ކުރިއަރާ ދުވެލި މަޑުޖެހެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މި އަހަރުގެ ކުރީކޮޅު "ޒީރޯ ކޮވިޑް" ސިޔާސަތު އުވާލައި ގައުމު އަލުން ހުޅުވާލުމުން އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ބާރުވީ ނަމަވެސް، އެކްސްޕޯޓަށް އައި ހީނަރުކަމާ އެކީ އަންދާޒާ ކުރި ވަރަށް ވުރެ ދެވަނަ ކުއާޓާގައި އިޤްތިޞާދު ކުރިއެރި ދުވެލި ވަނީ މަޑުޖެހިފައެވެ.

މިހެން ދިމާވީ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކޮވިޑުގައި ނުނިމި ހުރި އޯޑަރުތައް އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ނިމުމާއި ޗައިނާއަށް ބަރޯސާވުން ކުޑަކުރަން ޔޫރަޕުގެ ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން، ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ޗައިނާގެ ބައެއް އެކްސްޕޯޓުތައް ހުއްޓުވަން އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާއި ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ވެސް ޗައިނާއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިކަން ހައްލުކުރުމުގެ ގޮތުން ޗައިނާ ސަރުކާރުން އަންނަނީ ޔޫރަޕުގެ ބިޔަ އިޤްތިސާދުތަކުގެ ވެރިންނާއި ބޮޑެތި މަހުޖަނުންނާ ބައްދަލުކޮށް، އެ ގައުމަށް އިންވެސްޓުކުރާށާއި ވިޔަފާރިކުރަން ބިރެން ނެތްކަމުގެ ޔަގީންކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތަށް ބައްދަލުކުރި ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އިލޮން މަސްކް އާއި ބިލް ގޭޓްސް ހިމެނެއެވެ.

comment ކޮމެންޓް