ފޯރިއާއެކު "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގެމަނަފުށީގައި ފަށައިފި

ގއ. ގެމަނަފުށީގައި ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ ސިޑިބަރި

ގއ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ފަށައިފިއެވެ.

އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމަންޓް އޮފް ގެމަނަފުށި (އަޔެގް) ޖަމިއްޔާގެ ފަރާތުން ގއ. ގެމަނަފުށީގައި ބާއްވާ އެ މުބާރާތް މިފަހަރުު ޚާއްސަކޮށްފައިވަނީ ހަމައެކަނި ގެމަނަފުއްޓަށެވެ. އެ މުބާރާތުގައި އެރަށުން ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. ނުވަ ޓީމުގެ މެދުގައި މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ.

އެ މުބާރާތް އިއްޔެ ފެށިގެންދިޔަ އިރު، ފުރަތަމަ ދުވަހު ތިން މެޗެއް ކުޅުނެވެ. އެގޮތުން ފުރަތަމަ މެޗުގައި އެފްސީ ހަޔެނަސް އިން ވަނީ 2-5 ގެ ނަތީޖާއަކުން އެފްސީ ބައްތިރީސް ބަލިކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެފްސީ ހަޔެނަސްގެ ސަހާފް އާދަމެވެ.

އެ މުބާރާތުގެ ދެވަނަ މެޗުގައި 3-1 ގެ ނަތީޖާއަކުން އެފްސީ ހެންޑްސަމް ޔުނައިޓެޑް އަތުން ލަނޑާ އެފްސީ މޮޅުވި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލަނޑާ އެފްސީގެ އަލީ އަޒުވާނެވެ. އަދި އިއްޔެ ކުޅުނު ފަހު މެޗުގައި ނިއު އޭޖް ސްޕޯޓްސް ކްލަބުން ވަނީ 3-1 ގެ ނަތީޖާއަކުން ގެމާ ސިޓީ ބަލިކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނިއު އޭޖް ސްޕޯޓްސް ކްލަބުގެ އިބްރާހިމް ރިމާހެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ މުބާރާތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޖަމިއްޔާގެ ފައުންޑަރު މުހައްމަދު ޖަޒްލާން ވިދާޅުވީ މުބާރާތް އިންތިޒާމުކުރެވި ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމަކާއެކު ކަމަށާއި އެހެންކަމުން ރަށުގެ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ނަމުގައި ޖަމިއްޔާއަށް އެކި ގޮތްގޮޮތުން އެހީތެރިވަމުން އަންނަ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މުބާރާތް މުޅި އަތޮޅަށް ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކިންގުން އަންނަނީ ގެމަނަފުއްޓަށް ޖަމާވަމުން. މުބާރާތަށް ޓީމުތަކުން ލިބިގެން އަންނަނީ އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް،" ޖަޒްލާން ވިދާޅުވިއެވެ.

އަޔެގް ވޭލި ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްނެޓެވެ.

comment ކޮމެންޓް