ސަޕޯޓަރުންގެ ހިތަށް ތަދުވާ ވަރުގެ ކަމެއް ޕާޓީން ނުކުރާނެ: އާދަމް ޝަރީފް

ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންގެ ހިތަށް ތަދުވާ ވަރުގެ އެއްވެސް ކަމެއް އަދި ޕާޓީގެ އަސާސްތަކާ ޚިލާފުކަމެއް އެ ދެ ޕާޓީން ނުކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އުފައްދާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އާ އެކު އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުންތަކާ ގުޅިގެން ބައެއް ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒު ވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދުގެ ހިއްސާ އޮންނަ "އޯޝަން ވީކްލީ" އިން މިދިޔަ ހަފުތަގައި ޝާއިއު ކުރި ލިޔުމެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް އަދި ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރެއްވުން ނާދިރު ކަމަށެވެ. އޭގެ ބަދަލުގައި އެ އިއްތިހާދުން މަޝްވަރާ ކުރަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ނެރެން ކަމަށް އޯޝަން ވީކްލީގައި ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓުގެ މެންބަރުން ވަނީ ސެނެޓުގެ ރުހުން ނުހޯދައި ޑިމޮކްރެޓްސްގެ މެންބަރުންނާއެކު މަޝްވަރާ ކުރުމުން އެކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އޭގެ އިތުރުން ޕާޓީގެ ސަޕޯޓަރުން ވެސް ވަނީ ރައީސް ނަޝީދުގެ ނިޔަތާ މެދު ސުވާލު އުފައްދައި ނުރުހުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ އަމާޒު ވަރަށް ސާފު ކަމަށާއި، އެ ކޯލިޝަންގެ އަމާޒަކީ ރައީސް ޔާމީން މިނިވަންކޮށް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.

އަދި ޕާޓީ ތެރޭގައި ވަސްވާސް އުފައްދަން ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ދަ ޑިމޮކްރެޓްސް އާ އެކު މިހާތަނަށް ޕީޕީއެމް، ޕީއެންސީން ދެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާއިރު، މިއަދު 13:00 ގައި ވެސް އިތުރު ބައްދަލުވުމެއް ބާއްވާފައިވެއެވެ. ނަމަވެސް އެ މަޝްވަރާތަކުގެ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. އެބޭފުޅުން މަސައްކަތް ކުރަމުންދަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ބަދަލުކުރުމަށެވެ.

comment ކޮމެންޓް