ވިލިމާލެއިން އަންހެނެއް ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ 53 އަހަރުގެ ޢާތިފާ ޢަބްދުﷲ -- ފޮޓޯ/ ފުލުހުން

ވިލިމާލެއިން އަންހެނެއް ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ގެއްލިގެން ހޯދަން އިއުލާންކޮށްފައިވަނީ މ. އާޒާދީގުލްޝަން، ޢާތިފާ ޢަބްދުﷲ،53، އެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ހޯދުމަށް އެދި ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 10:25 ހާއިރުކަމަށެވެ. އެ ރިޕޯޓާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށް ފުލުހުން ބުންޏެވެ.

ޢާތިފާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން ހުކުރު ދުވަހުގެ ރޭ 22:45 ހާއިރުކަމަށެވެ.

އެއިރު އޭނާ ލައިގެންހުރީ ފެހިކުލައިގެ ހެދުމެއްކަމަށާއި އަޅައިގެން ހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ބުނިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންވަނީ އޭނާގެ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާ ވީތަނެއް އެނގޭ މީހަކު ހުރިނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދިފައެވެ.

އެގޮތުން ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.

މީހުންގެ ގެއްލި ހޯދަން ރިޕޯޓުކުރާ މައްސަލަތައް މިހާރު ވަރަށް ގިނައިން އަންނަނީ ރިޕޯޓުކުރަމުންނެވެ.

އާންމު ގޮތެއްގައި މީހުން ގެއްލިގެން ހޯދަން ރިޕޯޓުކުރުމާއެކު އެ މީހަކު އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ. ހިތާމަވެރި ހާދިސާއެއް ހިނގަނީ ވަރަށް މަދުންނެވެ.

comment ކޮމެންޓް