ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން ގއ. ވިލިނގިލީގައި އޮތް ޝޯއެއްގައި ނަށާ ގްރޫޕަކުން ބޭނުންކުރި ކޮސްޓިއުމަކާ ގުޅިގެން އާންމުންގެ ފާޑުކިޔުމާއި ނުރުހުން އެ ކަމަށް އަމާޒުވެފައިވަނިކޮށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް އެ ކަމަށް ފާޑުވިދާޅުވެއްޖެއެވެ.
ނިވައިކަން ކުޑަކަން ރަމްޒުވާ ގޮތަށް އަޅައިފައިވާ ހެދުމާއެކު އެ ގްރޫޕުގެ މެމްބަރުން ނަށަމުން އައި ވަގުތުގެ ކުރު ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
ލައްކައަކަށްވުރެ ގިނަ މީހުން އެ ވީޑިއޯ ބަލައި އެއަށް ކޮމެންޓުކޮށްފައިވާއިރު ގިނަ ބައެއްގެ ނުރުހުންވަނީ އެ ކަމަށް އަމާޒުވެފައެވެ.
އެއާއެކު މިނިސްޓަރު ޔުމްނާ އެ ވީޑިއޯ ހިއްސާކުރައްވައި ވިދާޅުވީ، ޢީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާ ފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖްތިމާއީ ރޫހު އާލާކުރާ ދުވަސްވަރެއްކަމަށެވެ.
އަދި ޢީދު ކުޅިވަރާއި އެހެން ކުޅިވަރުތަކުގައި ވެސް ހެދުން އެޅުމުގައި ކޮންމެވެސް މިންގަނޑެއް ހުންނަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާންމުވަމުން އަންނަ ވީޑިއޯއަށް ބައެއް އާންމުންކޮށްފައިވާ ކޮމެންޓުތަކަށް ބަލާއިރު އެކަކުވަނީ އެއީ އަވަސް ހައްލެއް ބޭނުންވެފައިވާ ކަމެއްކަމަށް ބުނެފައެވެ.
"ތިޔަ ވިދާޅުވާ މިންގަނޑުތައް ހަދައި ތަންފީޒުކުރުމުގެ ޒިންމާ އަދާކުރުމަށް މިއަދު ތިބީ ކޮން ބައެއްތޯ،" އެހެން މީހަކު ސުވާލު އުފެއްދިއެވެ.
ބައެއް މީހުންވަނީ އެއީ 'ދެރަވަރު' އަމަލެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ.
އާންމު ގޮތެއްގައި ޢީދު ފާހަގަކުރުމުގެ ގޮތުން އެކި ރަށްރަށަށް ނެށުންތެރިންގެ ގްރޫޕުތައް ދެއެވެ. އެ ފަދަ ގްރޫޕުތައް ގެންދަނީ ރަށުގެ ޖަމިއްޔާތަކާއި ކައުންސިލްތަކުގެ ޚަރަދުގައެވެ.