ގއ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް ޗެލެންޖު ގެމަނަފުށީގައި ފަށަނީ

އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023 -- ފޮޓޯ/ އަޔެގް

ގއ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް ޗެލެންޖު ގއ. ގެމަނަފުށީގެ ފަށަން ތައްޔާރުވެއްޖެއެވެ.

މި މުބާރާތަކީ އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމަންޓް އޮފް ގެމަނަފުށި (އަޔެގް) ޖަމިއްޔާގެ ފަރާތުން އެރަށުގައި ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ.

'އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023' ގެ ނަމުގައި ބާއްވާ މި ފަހަރުުގެ މުބާރާތް ޚާއްސަކޮށްފައި ވަނީ ހަމައެކަނި ގެމަނަފުއްޓަށެވެ. މި މުބާރާތުގައި އެރަށުން ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. ނުވަ ޓީމުގެ މެދުގައި މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ.

އަޔެގް ވޭލި ފުޓްސަލް ޗެލެންޖްގެ މެޗު ތާވަލު 2023 -- ފޮޓޯ/ އަޔެގް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މި އަހަރުގެ ވޭލި ފުޓްސަލް ޗެލެންޖު ކުރިއަށްދާނީ މި ފެށޭ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

އަޔެގް ޖަމިއްޔާއިން ބާއްވާ މި މުބާރާތަށް ގިނަ ތައްޔާރީތަކެއްވަމުން އަންނައިރު އެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން ކައުންސިލާ ގުޅިގެން ރަށުގެ ފުޓްސަލް ދަނޑުގައި ބޯޅަ ގެއެއް ވެސް އަންނަނީ އަޅަމުންނެވެ.

އަޔެގް ވޭލި ފުޓްސަލް ޗެލެންޖަށް އަޅަމުން އަންނަ ބޯޅަގެ 2023 -- ފޮޓޯ/ އަޔެގް

މި މުބާރާތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޖަމިއްޔާގެ ފައުންޑަރު މުހައްމަދު ޖަޒްލާން ވިދާޅުވީ މުބާރާތް އިންތިޒާމުކުރެވި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމަކާއެކުކަމަށެވެ.

އެހެންކަމުން ރަށުގެ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ނަމުގައި ޖަމިއްޔާއަށް އެކި ގޮތްގޮޮތުން އެހީތެރިވަމުން އަންނަ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އޭނާ އަރިސްކުރެއްވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި މުބާރާތް މުޅި އަތޮޅަށް ހުޅުވައިލާނެކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކިންގުން އަންނަނީ ގެމަނަފުއްޓަށް ޖަމާވަމުން. މުބާރާތަށް ޓީމުތަކުން ލިބިގެން އަންނަނީ އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް،" ޖަޒްލާން ވިދާޅުވިއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ އެސްއެސްނެޓެވެ.

comment ކޮމެންޓް