ބޭނުންވާ މިންވަރަށް ލޭ ލިބިއްޖެ، ހަފީޒުގެ އޮޕަރޭޝަން މާދަމާ ކުރަނީ

މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓްވި އެމްއެންޔޫ ލެކްޗަރާ ހަފީޒް --

ހީނާމާގޭ ޕާކިންޒޯނު ކުރިމަތީ ހުންނަ މިސްކިތުން ނިކުމެ މަގު ހުރަސްކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރުއޮތް އަލީ ހަފީޒަށް ބޭނުންވާ މިންވަރަށް ލޭ މިހާރު ލިބި، އޮޕަރޭޝަންކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާގެ ގާތްް މީހަކު ބުނެފިއެވެ.

ހަފީޒަށް ބީ ޕޮޒިޓިވް ލޭ ބޭނުންވެގެން އިއުލާނުކުރީ މިއަދެވެ.

މިދިޔަ ބުދަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ހަފީޒުގެ ހަށިގަނޑުގެ އެތެރެއިން ލޭ މަނާ ނުވާތީވެ، ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަނެއް އަދިވެސް ވަނީ ނުކުރެވިއެވެ.

ނަމަވެސް އޭނާގެ ހާލަތަށް ބެލުމަށްފަހު ކޮންމެހެން ކުރަންޖެހިފައިވާ އޮޕަރޭޝަން މާދަމާ ކުރަން ތައްޔާރުވަމުން އަންނަކަމަށް ހަފީޒުގެ ގާތް މީހަކު ކިޔައިދިނެވެ.

މިހާތަނަށް ޑޮކްޓަރު ބެލި ބެލުމުން ކަނާތު ފައިގެ އިތުރުން ކޯތާފަތުގެ ކަށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. މީގެ އިތުރުން ބޮލަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހަފީޒް ކަފިހިހުރަހުން މަގު ހުރަސްކުރަނިކޮށް ދުއްވާފައި އައި ސައިކަލަކުން ޖެހިގެންނެވެ. އެ ވަގުތު ސައިކަލް އައިލެއް ބާރުކަމުން ޖެހުމާއެކު އޭނާ ދިޔައީ ވިއްސައިގެންނެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 22 އަހަރުގެ ޒުވާނާގެ އަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ބުނެއެވެ. އޭނާ އަދިވެސް ހުރީ މިނިވަންކޮށް ދޫކޮށްލައިފައެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ.

އެކްސިޑެންޓާ ގުޅިގެން ހަފީޒުގެ ގާތް މީހުންނާއި އެކުވެރިން އަންނަނީ އޭނާއަށް އިންސާފު ހޯދައިިދީ މި ކަމުގައި ކުށްވެރިވާ މީހުންނަށް އަދަބު ދިނުމަށް ގޮވައިލަމުންނެވެ.

comment ކޮމެންޓް