އަހަރު ދެބައިވީއިރު މަޝްރޫތަކަށް ކުރި ހޭދަ ދެ ބިލިއަނުން އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅައިކިޔާއިރު މި އަހަރުގެ، މި މަހު 15ގެ ނިޔަލަށް ސަރުކާރުގެ މަޝްރޫތަކަށް ކުރި ހޭދަ ދެ ބިލިއަން ރުފިޔާއިން އިތުރުވެއްޖެއެވެ.

މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދާއި އާމްދަނީ ހުރި ގޮތާ ގުޅޭގޮތުން ނެރުނު ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖޫން 15ގެ ނިޔަލަށް ސަރުކާރުގެ ތަރައްގީގެ މަޝްރޫތަކަށް ހޭދަކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާއެވެ.

ނަމަވެސް މި އަހަރު އެ މުއްދަތާ ހަމައަށް އައިއިރު 5.1 ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރުމަށެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.6 ބިލިއަން ރުފިޔާވަނީ އެއާޕޯޓާއި ބްރިޖާއި، ބަނދަރުތައް ތަރައްގީކުރުމަށް ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި 946 މިލިއަން ރުފިޔާއާ އަޅައިކިޔާނަމަ ގާތްގަނޑަކަށް ދެ ގުނަ އަދަދެކެވެ.

ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގުތައް ހެދުމަށެވެ. އެގޮތުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން އެ މަސައްކަތަށް 1.2 ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ކަމަށް ހޭދަކުރީ 450 މިލިއަން ރުފިޔާއެވެ.

ޖުމްލަ ގޮތެއްގައި ހުރިހާ ދާއިރާތަކަކަށް ދައުލަތުގެ ބަޖެޓުން ކުރި ހޭދަ އިތުރުވެފައިވީ ނަމަވެސް މި އަހަރުގެ ޖޫން 15އާއި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިކިޔާއިރު ތިމާވެށި ހިމާޔަތްކުރުމަށް ކުރި ހޭދަ ދެ ގުނަ ވަނީ ދަށްވެފައެވެ.

އެގޮތުން މިިދިޔަ އަހަރުގެ މި މުއްދަތުގައި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫތަކަށް 434 މިލިއަން ރުފިޔާ ޚަރަދުކުރި އިރު މި އަހަރުގެ މިހާތަނަށް ޚަރަދުކުރީ 227 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް