ގޯތި ލިސްޓާ ގުޅުވައިގެން އާބަންކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވާން އެދިއްޖެ

އާބަންކޯ ހެޑް އޮފީސް --

"ބިންވެރިޔާ" ސްކީމް އިން ގޯތި ލިބިފައިވާ ކަމަށް ބުނެ، އާބަންކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ހިންގަމުންދާތީވެ، އާންމުން އެކަމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އާބަންކޯ އިން މި މައްސަލަ ސަމާލުކަމަށް ގެނެސްފައި މިވަނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓާ އެކީ މި ދުވަސްވަރު އެ ކުންފުނީގެ ނަމުގައި ސްކޭމް ކޯލް ކުރާ މައްސަލަތަކެއް ފެންމަތިވާން ފެށުމުންނެވެ.

އާބަންކޯ އިން ބުނީ ގޯތި ނުވަތަ، ފުލެޓް ލިސްޓާ ބެހޭ އެއްވެސް މުއާމަލާތެއް އެ ކުންފުނިން ނުކުރާނެ ކަމަށެވެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާ ބެހޭ އެއްވެސް ލިންކެއް އެ ކުންފުނިން ނުފޮނުވާނެކަން ހަނދުމަކޮށް އަރުވާ ކަމަށެވެ.

ވިޔަފާރިތަކާއި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ކަންބޮޑުވާ މިންވަރަށް ގިނަވަމުން އަންނާތީވެ، އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

މިސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިދިޔަ ބުދަ ދުވަހުގައި އާންމުކޮށް، އަންނަ މަހުގެ 15 ގެ ނިޔަލަށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވައިލާފައެވެ. މި ލިސްޓްގައި ޖުމުލަ 10،314 މީހަކު ހިމެނެއެވެ.

comment ކޮމެންޓް