މި އަހަރުގެ އަޟްހާ އީދުގައި ވެސް ގދ. ފިޔޯރީގައި ފެންޖެހުމާއި ކުލަޖެހުން މަނާކޮށް އެ ކަން ރައްޔިތުންނަށް އަންގައިފިއެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އީދާ ގުޅިގެން ކުލަ އަދި ފެންޖެހުން ފަދަ ކަންކަމަކީ މިދިޔަ ދެ އީދުގައި ނޫނީ މަދުން ނަމަވެސް އެ ރަށުގައި ކުރި ކަމެއް ކަމަށެވެ.
އިސްލާމީ އީދުތަކުގެ އެންމެ ބޮޑު އެއް މަގުސަދަކީ މުސްލިމުންގެ އޮންނަ އަޚުވަންތަކަމުގެ ގުޅުން ބަދަހިކޮށް ދީނީ ހަމަތަކުގެ ތެރެއިން މުޖުތަމައުގައި އުފާވެރިކަން ފެތުރުން ކަމަށެވެެ.
ނަމަވެސް މިދިޔަ ދެ އީދުގައި އެ ރަށުގައި މި އަމަލުން ދުރުވެ އިސްލާމީ ރިވެތި އުސޫލުތަކުގެ ތަރަައިގެ ތެރޭގައި ދީއު ފާހަގަކުރުމުގައި ރައްޔިތުން ސާބިތުވެ ތިބިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެހެންވެ، މި އީދުގައި ވެސް އެ ރަށުގައި ފެންޖެހުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.
އީދުތަކުގައި ފެންޖެހުމަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފޯރީގައި ކުރިއަށް ގެންދާ ކަމެކެވެ. އީދުގެ ފޯރި އިތުރުކުރުމަށް ފެންޖެހުމުގެ ހަރަކާތް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދާއިރު ކައުންސިލުތަކުން ރާވާ އީދު ކުޅިވަރުތަކުގެ ތެރޭގައި ވެސް މި ހަރަކާތް ހިމެނެއެވެ.