ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހި އެ ރަށުގެ 90 އިންސައްތަ ގެއަށް ފެން ވަދެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ރޭ ދަންވަރު 1:30އިން ފިޔޯރީއަށް މެދުނުކެނޑި ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން އެ ރަށުގެ 90 އިންސައްތަ ގެއަށް ފެން ވަދެފައިވާ ކަމަށެވެ.
ފިޔޯރީ ކައުންސިލުގެ ރައީސް ޢަބްދުﷲ މުބާޙް 'ސަން'އަށް މިއަދު ވިދާޅުވީ މިހާރު ވެސް އެ ރަށަށް ވާރޭ ވެހެމުންދާ ކަމަށާއި ޕަމްޕު ބޭނުންކުރުމުގެ އިތުރުން ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
https://x.com/NDMAmv/status/2112832720879661250
ގޭބިސީތަކަށް ލިބުނު ގެއްލުންތައް އެންޑީއެމްއޭއާ ގުޅިގެން ބަލަމުން އަންނަ ކަމަށް ވެސް މުބާޙް ވިދާޅުވިއެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނީ، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާނުވާ ކަމަށެވެ.
ވިއްސާރައާ ގުޅިގެން އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.