ޕާކިސްތާން ބަލިކޮށް، ނޭޕާލުން މޮޅަކުން މުބާރާތް ނިންމާލައިފި

ސާފް ޗެމްޕިއަންޝިޕް 2023 ގައި ނޭޕާލާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕް 2023 ގައި ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް ނޭޕާލުން މޮޅަކާއެކު މުބާރާތް ނިންމާލައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު "ގްރޫޕު އޭ" ގެ މެޗުގައި ޕާކިސްތާން އަތުން ނޭޕާލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ފަހު މެޗުގައި ހޯދި ތިން ޕޮއިންޓާއެކު ނޭޕާލުން ގްރޫޕު ސްޓޭޖު ނިންމާލީ ތިންވަނައިގައެވެ. އަދި ޕާކިސްތާން ނިންމާލީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

މެޗަށް ނުކުތް އިރުވެސް، ނޭޕާލް އަދި ޕާކިސްތާނަށް ވެސް ސެމީ ފައިނަލުގެ އެއްވެސް އުންމީދެއް ނެތެވެ. އެ ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައެވެ. ފުރަތަމަ ދެ މެޗުން މޮޅެއް ހޯދައިގެން "ގްރޫޕު އޭ"ގެ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ އިންޑިއާ އާއި ކުވައިތެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ކުރީކޮޅުގައި ނޭޕާލް އަދި ޕާކިސްތާންގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން މާބޮޑު އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައި ނުވާ އިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ނޭޕާލާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 30 ވަނަ މިނެޓުގައި ޕާކިސްތާނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އަލީ ޚާން ގާޒީ ފޮނުވާލި ހަމަލާ، ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ލިމްބޫ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ނޭޕާލަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ނޭޕާލް އަވާޝް ލަމިޗާނޭ ފޮނުވާލި ހަމަލާ ޕާކިސްތާނުގެ ޑިފެންޑަރުން ބްލޮކް ކުރި އިރު، އޭގެ ފަހުން ނޭޕާލްގެ ބިމާލް ގަރްތީ މަގަރް ފޮނުވާލި ހަމަލާ، ޕާކިސްތާނުގެ ކީޕަރު ޔޫސުފް ބަަޓް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ޕާކިސްތާނަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެެވެ. ހަސަން ބަޝީރު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕާކިސްތާންގެ އޯޓިސް ޚާން ފޮނުވާލި ހަމަލާ އަމާޒުވީ ނޭޕާލް ކީޕަރު ކިރަން ކުމާރް ލިމްބޫގެ އަތަށެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ނޭޕާލަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަވަޔުގް ޝްރެސްތާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ނޭޕާލްގެ މަނީޝް ޑަންގީ ފޮނުވާލި ހަމަލާ، ޕާކިސްތާން ކީޕަރު ޔޫސުފް ބަޓް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ނޭޕާލާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އޭގެ ހަތް މިނެޓު ފަހުން ނޭޕާލަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ނޭޕާލްގެ ދަވެންދުރާ ތަމަންގް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ނުކުތް އެ ބޯޅަ، ނޭޕާލްގެ އިތުރު ކުޅުންތެރިޔަކަށް ލިބިފައެއް ނުވެއެވެ.

މެޗުުގެ 79 ވަނަ މިނެޓުގައި ނޭޕާލުން ގޯލެއް ޖަހައި، ލީޑު ހޯދައިފައެވެ. ލަކެން ލިމްބޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނޭޕާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އާޝިޝް ޗޯދަރީއެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނޭޕާލަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ލަކެން ލިމްބޫ ފޮނުވާލި ހަމަލާ ޕާކިސްތާން ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފައެވެ. އަދި ރީބައުންސް ބޯޅައިން ނަވަޔުގް ޝްރެސްތާ ފޮނުވާލި ހަމަލާ، ގޯލު ލައިންމައިން ޕާކިސްތާންގެ ކެޕްޓަން އީސާ ސުލިމާން ވަނީ ދިފާއުކޮށްފައެވެ.

މުބާރާތުގައި މިރޭ 7:00 ގައި "ގްރޫޕު އޭ"ގެ ފަހު މެޗު ކުރިއަށްދާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވާ އިންޑިއާ އާއި ކުވައިތެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއްވަނަ ލިބިގެންދާނެއެވެ.

comment ކޮމެންޓް