މިއީ ކުލަބޮކިން މާލެ ސިޓީ ދިއްލާލާ ފުރަތަމަ ޢީދު: ޑރ. މުއިއްޒު

އަޟްޙާ ޢީދަށް މަރްޙަބާ ކިއުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ޙަފްލާގައި މުއިއްޒު ވާހަކަ ދައްކަވަނީ ----

އަންނަ އަޟްޙާ ޢީދު ވެގެން ދާނީ ކުލަ ބޮކިން މާލެ ސިޓީ ދިއްލާލާ ފުރަތަމަ ޢީދަށް ކަމަށް އެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަޟްޙާ ޢީދަށް މާލެ ސިޓީ ޒިނާތްތެރި ކުރުމަށް ބޮޑެތި މަގުތަކުގައި ވަނީ ކުލަ ބޮކިތައް ހަރުކޮށްފައެވެ.

އެކަން އިއުލާނު ކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހަލްފާގައު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ, ކުރިއަށް އޮތް އަޟްޙާ ޢީދު ދުވަސް ކުލަ ގޮތެއްގައި މާލޭގައި ފާހަގަކުރުމަށް ނިންމާފައި ވަނީ އެ ސިޓީ ކައުންސިލް މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

"އެހެން މުހިންމު ދުވަސްތައް އަޅުގަނޑުމެން ކުލަ ބޮކިން ސިޓީ ޒީނަތްތެރި ކުރޭ. ނަމަވެސް އިސްލާމުންނަށް އެންމެ މުހިންމު ދެ މުނާސަބަތު މި ގޮތަށް އަދި މިހާތަނަށް ޒީނަތްތެރި ކުރެވުނު ކަމަކަށް ފާހަގައެއް ނުކުރެވޭ" މުއިއްޒު ވިދާޅުވިއެވެ.

އެންމެ އިސްކަމެއް ދީގެން ކުލަ ގަދަ ގޮތެއްގައި ފާހަގަކުރަން ޖެހޭނީ ދެ އީދު ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ, މި އީދުގައި މާލެ ސިޓީ ކުލަ ބޮކިން ދިއްލާލަނީ އެހެން އިސްލާމީ ގައުމުތަކުގައި ވެސް އެކަން ކުރާ އުސޫލުން ކަމަށެވެ.

"މި ސިޓީގައި މިކަހަލަ މުހިންމު އިހްތިފާލްތައް ވަރަށް ރަސްމީ ގޮތެއްގައި ފާހަގަކުރެވެން ވާނެ ކަމަށް ގަބޫލުކުރަނީ. މުސްލިމުންނަށް އަންނަ އެންމެ މުހިންމު ދެ މުނާސަބަތަކީ އަޟްހާ އިދާއި ފިތުރު އީދު. އުފާ ފާޅުކުރުމުގެ ދެ މުނާސަބަތު. އާއިލާތަކުގައި ވަގުތު ހޭދަ ކުރުމަށް އޮންނަ ހާއްސަ ދެ މުނާސަބަތު," މުއިއްޒު ވިދާޅުވިއެވެ.

އަޟްހާ އިދަކީ އުޟްހިޔާ ކަތިލުމަށް ހާއްސަ ދުވަހަކަށްވާއިރު މާލެ ސިޓީގައި ވެސް އެކަން ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އުޟްހިޔާ ކަތިލުމަށް ފަހު ރައްޔިތުންނަށް އެ ހަދިޔާ ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް