ވިލާ ގްރޫޕުގެ ލޭ ހަދިޔާ ކުރާ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

ވިލާ ގްރޫޕުން ފެށި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް / ފޮޓޯ: ވިލާ ގްރޫޕް

ވިލާ ގްރޫޕުން މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ފެށި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއީ މުޖުތަމައުގައި ލޭ ހަދިޔާ ކުރުމުގެ މިންވަރު ރަނގަޅު ކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އެޅުމުގެ ގޮތުން ވިލާގެ އެކިއެކި ކުންފުނިތައް ބައިވެރިކޮށްގެން ލޭ ހަދިޔާ ކުރުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. ވިލާއިން ބުނީ މި ޕްރޮގްރާމް ކޮންމެ މަހަކު ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމް މިއަދު ފަށާފައި ވާއިރު، މިއަދު ލޭ ހަދިޔާ ކުރި ގިނަ މުވައްޒަފުންނަކީ މުޅިން އަލަށް ލެ ހަދިޔާ ކުރި މީހުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ވިލާ ގްރޫޕުން ފެށި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް / ފޮޓޯ: ވިލާ ގްރޫޕް

ވިލާ ގްރޫޕުން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ ރާއްޖޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ލޭ މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށެވެ. ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމާއި، ސިއްހީ ނިޒާމު ކުރިއެރުވުމަށް ނުހަނު މުހިންމު ކަމެއް ކަން ފާހަގަކޮށް ވިލާއިން ބުނީ، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ފޯރުކުރެވުމަކީ ރާއްޖެ ފަދަ ލޭގެ ޑިމާންޑު ބޮޑު ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހަމައެހެންމެ, މެދުނުކެނޑި ލޭ ހަދިޔާކުރެވުމުގެ ސަބަބުން ބޭސްފަރުވާތަކާއި، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އެކަށީގެންވާ ވަރަށް ލޭ ލިބޭ ކަމަށާއި، ވިލާ ގްރޫޕުން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ދެނެގަނެ، ހީވާގިކަމާއެކު ބައިވެރިވުމަށް ހިތްވަރު ލިބި، ގިނަ އަދަދެއްގެ ފަރުދުންނަށް މިކަމުން މަންފާ ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ވިލާ ގްރޫޕުން ފެށި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް / ފޮޓޯ: ވިލާ ގްރޫޕް

ވިލާއިން ބުނީ ކުރިއަށް އޮތް ލޭ ހަދިޔާކުރުމުގެ ހަރަކާތްތަކުގައިވެސް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެ ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮގްރާމް ކުރިއަށް ގެންދަން އުއްމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް