ދައުރު ކުރަނީ ފޭކް މެސެޖްތަކެއް، އެއީ ފިނޑި ޢަމަލެއް: ސައީދު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

އޭނާގެ ނަން ބޭނުން ކޮށްގެން ޝޯޝަލް މީޑިއާގައި ދައުރު ކުރަމުން އަންނަނީ ފޭކު މެސެޖްތަކެއް ކަމަށް ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސައީދުގެ ނަމުގައި އެކި މީހުންނަށް ވަޒީފާ ދޭނެ ކަމަށް ބުނެފައިވާ މެސެޖުތަކެއް ވަނީ ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ފެތުރިފައެެވެ.

މި ތުހުމަތަށް ރައްދު ދެއްވަމުން ސައީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާ އާއި ފެނަކައިގެ ނަމުގައި ދައުރު ކުރަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް މެސެޖްތަކެއް ކަމަށެވެ. އަދި، އެއީ އޭނާގެ އަބުރު ކަތިލުމަށާއި ފެނަކައިގެ އަގުއްވައްޓާލަން ހިންގާ ނާތަހުޒީބު އެހާމެ، ފިނޑި ޢަމަލެއް ކަމަށެވެ.

"އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ސައީދު ވިދާޅުވިއެވެ.

އޭނާގެ މައްޗަށް މީގެ ކުރިން ވަނީ ކޮރަޕްޝަންގެ ތުހުމަތު ކޮށްފައެެވެ. އެކަމަކު އެއިރު ވެސް އެ ވާހަކަތައް އޭނާ ދޮގު ކުރެއްވިއެވެ.

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަތްވަނަ ދުވަހު، އެ މަގާމުން އިސްތިއުފާ ދެއްވީ ވެސް ސައީދުގެ ކޮރަޕްޝަން ހައްދުން ނައްޓާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް