މުބާރާތުގެ އެންމެ އަސަރުގަދަ ކިޔެވުން ކިޔެވި ނަހާއަށް ސިޔާމްގެ ފަރާތުން ބައިލައްކަ ރުފިޔާ

އެންމެ އަސަރުގަދަ ކިޔެވުން ކިޔެވި ފާތިމަތު ނަހާ -- ސަން ފޮޓޯ

ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ކ. ގުރައިދޫގައި ބޭއްވެވި 'ސަން ސިޔާމް ޤުރުއާން މުބާރާތް 1444'ގައި އެންމެ އަސަރު ގަދަ ހިތްގައިމު ކިޔެވުމެއް ކިޔެވި ބައިވެރިޔާކަމަށްވާ ފާތިމަތު ނަހާއަށް 50،000 ރުފިޔާ ދެއްވައިފިއެވެ.

އެ ރަށުގެ ޤުރުއާން ކްލާހަކާ ގުޅިގެން އިންތިޒާމުކުރި އެ މުބާރާތުގައި އެކި އުމުރުފުރާތަކުން ބައިވެރިން ކިޔެވުން ހުށަހަޅައިފައިވެއެވެ. ކިޔެވުން ހުށަހަޅައިފައިވާ ދެ ގޮތްޕަކީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.

ޤުރުއާން މުބާރާތުގެ ކިޔެވުން ނިމި ވަނަތައް އިއުލާންކުރުމަށް ރޭ ގުރައިދޫގައި ބޭއްވި ޚާއްސަ ޙަފުލާގައި މުޅި މުބާރާތުގެ ވަނަތައް ހޮވައިފައިވެއެވެ. އެގޮތުން އެކި އުމުރުފުރާތަކުގެ ވަނަތަކާއި އެކި ގޮފިތަކުން ވަނަތައް ހިމެނެއެވެ.

އޭގެ އިތުރުން އެންމެ ޚާއްސަ ހޮވުންކަމަށްވާ، ސިޔާމްގެ ޚާއްސަ އެދިލެއްވުމުގެ މަތިން ހޮވި އެންމެ އަސަރު ގަދަ ކިޔެވުން ހުށަހެޅި ކަމަށް ފަނޑިޔާރުންނަށް ފާހަގަކުރެވުނު ބައިވެރިޔާއަށް ވެސް އިނާމު ހަވާލުކޮށްފައިވެއެވެ.

އެ އިނާމު ޙާސިލްކުރީ ފާތިމަތު ނަހާއެވެ.

އެންމެ އަސަރު ގަދަ ކިޔެވުމަކަށް އެންމެ ފުރަތަމަ ހުށަހަޅައިފައި އޮތީ ހަމައެކަނި ޓްރޮފީއެވެ. ނަމަވެސް އެ ޓްރޮފީ ނަހާއާ ހަވާލުކުރުމަށް ފަހު ސިޔާމް ވަނީ 50،000 ރުފިޔާ ވެސް ހަދިޔާގެ ގޮތުގައި ދެއްވާނެކަމަށް އިއުލާނުކުރައްވައިފައެވެ.

"ޚާއްސަ އިނާމު ލިބިވަޑައިގެންނެވި ޤުރުއާން ކިޔެވުމުގެ ދަރިވަރު. އާދެ، އެ ކަމަނާއަށް އަޅުގަނޑުގެ މުބާރާތުގެ ޚާއްސަ އިނާމެއްގެ ގޮތުގައި އަޅުގަނޑުގެ ފަރާތުން ދޭ އިނާމެއްގެ ގޮތުގައި 50،000 ރުފިޔާ ދޭނެ ވާހަކަ ދަންނަވަން،" ސިޔާމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނަހާގެ ޝުއޫރުތައް "ސަން"އާ ހިއްސާކުރަމުން އޭނާ ބުނީ އެ ކާމިޔާބަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި ކާމިޔާބީގައި ނަހާ ވަނީ އޭނާގެ މައިންބަފައިންގެ ފަރާތުންނާއި އެހެން މީހުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށްފައެވެ.

"ނޭނގެ ބުނެދޭކަށް ވަރަށް އުފާވެފައި. އަދިވެސް ބޭނުންވަނީ ޤުރުއާނުގެ ދާއިރާއިން ކުރިއަށްދާން. ދެން އެކި މުބާރާތްތަކުގައި ހަމަ މި ކަހަލަ ރަން ވަނަ ހޯދަން. ވަރަށް ވަރަށް ބޮޑު ސަޕޯޓެއް ލިބޭ އާއިލާގެ ފަރާތުން،" އޭނާ ބުންޏެވެ.

ނަހާ ބުނި ގޮތުގައި އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ މަންމަގެ ބަސް އަހައި ޤަބޫލުކުރުމެވެ.

މުޅި މުބާރާތުން އެއްވަނާ ހާސިލްކުރި އިސްމާއިލް ލުޖައިން ބިން އަބްދުﷲ ޝަބީރު -- ސަން ފޮޓޯ

މުޅި މުބާރާތުން އެއްވަނާ ހާސިލްކޮށްފައި ވަނީ އިސްމާއިލް ލުޖައިން ބިން އަބްދުﷲ ޝަބީރެވެ.

"ސަން"އާ ވާހަކަދައްކަމުން ލުޖައިން ބުނީ އެ ކާމިޔާބީއަކީ ވަރަށް މަަސައްކަތާއެކު ހާސިލްކުރެވުނު ކާމިޔާބެއްކަމަށެވެ. އެގޮތުން ޤުރުއާން ކްލާހަށް ގޮސް ފިލާވަޅުތައް ދަސްކުރުމާއި ދީނީ އަޅުކަންތަކަށް ފަރުވާތެރިވުމަކީ ކާމިޔާބީގެ ސަބަބެއްކަމަށް އޭނާ ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނީ ހަމަ ހާފިޘަކަށް ވެވޭތޯ އާއި ޤުރުއާނީ ޢިލްމުން ކުރިއަށްދާން،" ލުޖައިން ބުންޏެވެ.

comment ކޮމެންޓް