ޖާބިރަކީ ޒުވާނުންގެ ލީޑަރު، އިންތިޚާބު ކާމިޔާބު ކުރަން ފަސޭހަ ވާނެ: ރައީސް

ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވުން -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރަކީ، ޒުވާނުން ދެކޭ ގޮތުގައި އެ މީހުންގެ ލީޑަރު ކަމަށާއި އޭނާ އެމްޑީޕީއާ ގުޅުމުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ފަސޭހަ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު، "ސަން"އާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޖާބިރު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ވަރަށް ރަނގަޅު ވަގުތެއްގައި ކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި ޖާބިރުގެ ހިއްސާ އަޅުގަނޑަށް ލިބިގެންދާނެ ކަމާ ދޭތެރެއަކު އަޅުގަނޑު ޝައްކެއް ނުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޖާބިރުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މި އަހަރުގެ އިންތިޚާބުގައި ވެސް ޖާބިރުގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި އެޅުގަނޑުމެން ދެ މީހުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުންނާނެ. އޭގެ ތަޖުރިބާގައި އަޅުގަނޑަށް ކެރޭ މިއަދު ވެސް ދަންނަވަން ޖާބިރުގެ އެ ފޯރީގައި، އެ ޖޯޝާ އެކުގައި ނުކުމެ ވަޑައިގަތީމާ ވަރަށް ގިނަ ބައެއްގެ ސަޕޯޓު ލިބިގެންދާނެކަން،" ރައީސް ވިދާޅުވިއެވެެ.

އެމްޑީޕީއަށް ސޮއިކުރުމަށް ފަހު ޖާބިރު ވިދާޅުވީ، އޭނާ އަކީ އެއްވެސް އިރެއްގައި އެމްޑީޕީއާ ދުރު މީހެއް ނޫންކަމަށެވެ. އަދި، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަށް ބޭނުންފުޅުވާތީ އެ މަގުން މަސައްކަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު، އެމްޑީޕީއަށް ސޮއިކުރީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ޖާބިރު އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފައި ވަނިކޮށެވެ.

މިއީ ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވާ ހަތަރުވަނަ ފަހަރެވެ. މި ފަހުން އެކި ޕާޓީތަކުގެ ގިނަ މެންބަރުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

comment ކޮމެންޓް