އެއްވެސް ކަމެއް ކުރާނަމަ އެންމެ މުހިންމީ އެކަމެއް އެންމެ ފުރިހަމަކަމާއެކު މޮޅަށް، ރީތިކޮށް ކުރުންކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކ. ގުރައިދޫގައި ބޭއްވި 'ސަން ސިޔާމް ޤުރުއާން މުބާރާތް 1444'ގެ ނަތީޖާ ފާޅުކުރުމުގެ ގޮތުން ރޭ ގުރައިދޫގައި ބޭއްވި ޚާއްޞަ ހަފުލާގައި ސިޔާމްގެ ވާހަކަފުޅު ބައްޓަން ކުރެއްވީ މަސައްކަތްތައް ފުރިހަމައަށް އަދާކޮށް އެންމެ ރަނގަޅަށް އެ ކަމެއް ކުރުމާ ގުޅޭގޮތުންނެވެ.
އެ މައުޟޫއާ ގުޅޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރާ ކޮންމެ ކަމެއް ކުރަން ޖެހޭނީ، އެ ކަމެއްގެ ފުރިހަމަކަމުގެ ސަބަބުން އެހެން މީހުންނަށް އެ ކަމުގެ ހެޔޮ އަސަރު ކުރާނެހެން ކަމަށެވެ.
"އެނގިލައްވާނެ، އަޅުގަނޑުމެން ކަމެއް ކުރަން ބޭނުންވާނަމަ އެ ކަމެއް ކުރަންޖެހޭނީ އެންމެ ރީތިކޮށް. އެނގިލައްވާނެ، ﷲ ސުބްޙާނަހޫވަތަޢާލާ ލޯބިވެވޮޑިގަންނަވަނީ ރީތި އެއްޗިިއްސަށް. މީރު ވަހަށް. އެހެންވީމާ ވަރަށް ރީތިވާންޖެހޭނެ ކުރާ ހުރިހާ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގައި ވެސް އެ ކިޔެވުމެއްގެ އަޑު އިވުމުން އެހެން މީހުންނަށް އަސަރުކުރާ ގޮތަށް ކިޔެވުމަކީ މުހިންމު ކަމެއްކަމަށެވެ. އެއީ އެހެން މީހުންނަށް އެ ކަމުގެ ހެޔޮ އަސަރު ކުރާނެ ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ވާހަކައަށް މިސާލު ދެއްކެވުމުގެ ގޮތުން ސިޔާމްވަނީ އެމަނިކުފާނަށް ދިމާވި ހާދިސާއެއް ހިއްސާކުރައްވައިފައެވެ. ސިޔާމް ވިދާޅުވީ ރަށަކަށް މިސްކިތެއް ހުޅުވަން ވަޑައިގަތް ދުވަހަކު އެ ރަށުން އެމަނިކފާނު މާ ކުރިން ދެނެވަޑައިގަންނަވާ މީހަކާ މިސްކިތުން ދިމާވިކަމަށެވެ.

ސިޔާމް ދެއްވި ޚާއްސަ ވަނަ ކާމިޔާބުކުރި ފާތިމަތު ނަހާ -- ސަން ފޮޓޯ
ނަމަވެސް އެންމެ ބޮޑަށް ހައިރާންވީ އޭނާއަކީ މީގެ ކުރިން މިސްކިތަށް ދުވަހަކު ވެސް ނާރާ މީހެެއްކަމުން، މިސްކިތަކުން އެ މީހާ ފެނިވަޑައިގަތުމުން ކަމަށް ސިޔާމް ހިއްސާކުރެއްވިއެވެ.
"ދެން އަޅުގަނޑު ބުނެފިން ބޭބޭއޭ އަޅުގަނޑު ވަރަށް އުފާވެއްޖެއޭ ބޭބޭ މިއަދު ކީއްވެހޭ ބޭބެ މިސްކިތަށް ތި އައީ. [އެ މީހާ ބުނަނީ] ހަމަ ނަމާދުކޮށްލަން ތީ ކީއްކުރަންހޭ. [އަޅުގަނޑު ބުނިން] ހާދަ އުފާވެއްޖެއޭ، ކިހިނެއް ކޮންކަމެއް ދިމާވީހެއްޔޭ ކިހިނެއްވެގެންހޭ ތިހެން ތި އުޅެނީ. އެ ބޭބެ އަޅުގަނޑު ކައިރީ ދެންނެވީ އެ މިސްކިތުން ބަންގި ގޮވި މީހާގެ ބަންގީގެ އަޑު އިވުމުގެ ސަބަބުން ތިމަންނާއަށް ކެތެއް ނުކުރެވުނޭ. ތިމަންނާއަށް ހަމަ އަސަރުކޮށްގެންނޭ މި އައީ މިސްކިތަށް ނަމާދުކުރަން،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެ ހާދިސާއިން ވެސް ލިބޭ ޢިބުރަތަކީ ރީތިކޮށް ބަންގި ގޮވާނަމަ ނުވަތަ ޤުރުއާން ކިޔަވާނަމަ އެ ކަމަށް އިޖާބަ ދޭ މީހުން ގިނަވާނެކަމެވެ. އަދި އެންމެ ފުރިހަމައަށް އެ މީހަކު ކުރާ ކަމެއް ކުރުމުގެ މުހިންމުކަން ކަމަށެވެ.
އެހެންކަމުން ކުރާ ކޮންމެ ކަމެއް އެ ކަމެއްގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ސިޔާމް ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.

ކ. ގުރައިދޫގައި ބޭއްވުނު 'ސަން ސިޔާމް ޤުރުއާން މުބާރާތް 1444'ގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ/ސަން
މީގެ އިތުރުން ސިޔާމްވަނީ ކީރިތި ޤުރުއާންގެ ޢިލްމު ފަތުރައި، އެ ޢިލްމު ކުރިއެރުވުމަށް މަސައްކަތްކުރުމަށް ގޮވައިލައްވައި އެއީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ.
އަދި ރާއްޖެއަކީ މުސްލިމް ގައުމަކަށްވާއިރު މި ފަދަ ޤުރުއާން މުބާރާތްތައް ގިނަގިނައިން އިންތިޒާމްކޮށް ޙާފިޘުން އިތުރުކުރުމަށް ޓަކައި މަސައްކަތްކުރުމަކީ ވެސް މުހިންމު ކަމެއްކަމަށް ސިޔާމް ވިދާޅުވިއެވެ.