ޢީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން މާލެއާއި ވިލިމާލެ ދިއްލާލަނީ

ސިޓީ ކައުންސިލުން އިސްނަގައިގެން އަޟްޙާ ޢީދަށް މާލެއާއި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ގިޑިގެ ތަކާއި ކުލަބޮކިތައް ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ/ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އަޟްޙާ ޢީދަށް މާލެއާއި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ގިޑިގެ ތަކާއި ކުލަބޮކިތައް ހަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބޮޑު ޢީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ޕްލޭނު މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކަމަށް މީގެ ކުރިން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

ސިޓީ ކައުންސިލުން ބުނީ ބޮޑު ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެއާ އެކު 2،224 ބޮކި ހަރު ކުރުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އަޟްޙާ އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް ޢީދު ފާހަގަ ކުރުމަކީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މި ފަދައިން ހިންގި ފުރަތަމަ ހަރަކާތެކެވެ.

ސިޓީ ކައުންސިލުން ދަނީ މި ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުތައް ޒީނަތްތެރި ކުރުމަކީ ސެޕްގައި ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅެއް ކަމަށް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް