ކުއްލި ސްޓްރޯކަކާއެކު ބިރުވެރި ވަގުތުތަކެއް، ހުސެއިންގެ ހާސް ޝުކުރު ޑޮކްޓަރުންނަށް!

އެއީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދަށް ވަރަށް އާދައިގެ ދުވަހެކެވެ. އާދައިގެ މަތިން އެ ދުވަހު ވެސް ސްކޫލަށް ވަޑައިގެން އެހެން ދުވަސްތަކެކޭ އެއްފަދައިން މަސައްކަތް ފެއްޓެވިއެވެ. ސްކޫލުގެ ލީޑިން ޓީޗަރުންނާ ބައްދަލުކުރައްވައި، ވާހަކަ ދެއްކެވުމަށް ފަހު ޢަރަބިއްޔާ ސްކޫލަށް ވަޑައިގަތެވެ. އެ ސްކޫލުގައި ވެސް ދަރިވަރުންގެ މަސައްކަތްތައް ބެއްލެވުމަށްފަހު އަލުން އޭނާ އިސްކަންދަރު ސްކޫލަށް ވަޑައިގަތެވެ.

އެއީ އޭރު ހިނގަމުން އަންނަ ގްރޭޑް ހަތެއް، އަށެއްގެ ޔުނިޓު ޓެސްޓުތައް ރިވިއުކުރުމުގެ މީޓިންއަކަަށެވެ. މީޓިންގައި އިންނެވިއިރު ވެސް ގޯހެއްވާން އުޅޭކަމުގެ މާ ބޮޑު އިހުސާސެއް ހުސައިނަކަށް ނުކުރެއްވެއެވެ.

"އެހެންނަމަވެސް މީޓިން ފަށައިގެން ވަކި ހިސާބަކަށް ދިޔަތަނާ އަޅުގަނޑަށް ހީވެއްޖެ، އަޅުގަނޑުގެ ވާތް ފަރާތުގެ ކޮލަށް ކޮންމެެވެސް ކަހަލަ ކަމެއް އެބަ ދިމާވެޔޭ. ދެން ކުޑަކުޑަ ވަރުބަލިކަމެއް ވެސް އިހުސާސް ކުރެވެން ފެށި. ދެން އެހެންނަމަވެސް އަޅުގަނޑު މަޑުމަޑުން މީޓިން ކުރިއަށް ގެންދިޔައީ،" އޭނާ ކިޔައިދެއްވިއެވެ.

އެ ވަރުބަލިކަމާއެކު ހުސައިން މީޓިން ކުރިއަށް ގެންދެވީ އެއީ މާ ބޮޑު ކަމެއްކަމަށް ނުވިސްނައި، އިރުކޮޅަކަށްފަހު އެ ކަން ރަނގަޅުވެދާނެ ކަމަށް ހީކުރައްވައިގެންނެވެ. ނަމަވެސް މާ ބޮޑަށް ގޯސްވެ ކުރިއަށް ނުގެންދެވިދާނެހެން ހީވުމުން އެ މީޓިން އޭނާ މެދުކަނޑައިލައްވައި، ނިންމައިލެއްވިއެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު -- ސަން ފޮޓޯ/ ނާއިލް ހަފީޒް

"ޓީޗަރުންނަކަށް ވެސް އެނގިވަޑައިނުގަންނަވާނެ ކިހިނެއް ކަމެއް މިވީ ވެސް. ދެން އަޅުގަނޑު މީޓިން ކުރުކޮށްލައިފައި ވެސް ޕްރިންސިޕަލް ރޫމުގައި އަޅުގަނޑު މަޑުކޮށްލީ. ދޮރުފޮތި ވެސް ކަހައިލައިގެން ކުޑަކޮށް ސޯފާގައި ޖައްސައިލީ. ދެން އެހެންނަމަވެސް އެހެން އޮވެގެން ގިނައިރު ވެގެން ދިޔަ އިރުގައި ރަނގަޅު ނުވާތީވެ އަޅުގަނޑު ހޮސްޕިޓަލަށް ދާން ނިންމީ އަމިއްލައަށް،" ހުސައިން ކިޔައިދެއްވިއެވެ.

ހޮސްޕިޓަލަށް ދިޔުމަށް ޓަކައި ނުކުންނެވުމަށްފަހު ހުސައިން ލީޑިން ޓީޗަރެއްގެ ގާތުން، އޭނާ އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ގެންގޮސް ދެއްވުމަށް އެދިލެއްވިއެވެ. ނަމަވެސް އޭނާއަށް ވެސް ހުސައިން ހޮސްޕިިޓަލަށް ވަޑައިގަތީ ކީއްވެކަމެއް ނޭނގެއެވެ.

"ދިޔަ ގޮތަށް ގޮސް އަޅުގަނޑު އެމަޖެންސީއަށް ވަނީ. އޭޑީކޭގެ އެމަޖެންސީއަށް ވަނީ. ދަމުން އަޅުގަނޑުގެ އަންހެނުންނަށް އަޅުގަނޑު ގުޅައިފައި ދެންނެވިން، އަޅުގަނޑަށް ހީވަނީ އަޅުގަނޑު އެހާ ރަނގަޅު ނޫންހެންނޭ، އަޅުގަނޑު މި ދަނީ އޭޑީކޭއަށޭ،" އޭނާ ވިދާޅުވިއެވެ.

އެމަޖެންސީގައި ހުސައިން އެޑްމިޓްވުމުން ގޭސްވެފައި ހުރިކަމަށް ބަލައި އިންޖެކްޝަނެއް ދިނެވެ. އޭގެ ފަހުން ކުރިން ވީ ތަދު ފިލައި، ލުއިވުމުގެ އިހްސާސެއް ކުރެވުމުން ރަނގަޅުވީކަމަށް ބަލައި ހޮސްޕިޓަލުން ދިއުމަށް އަންހެނުން ގާތު އެދިލެއްވިއެވެ.

ނަމަވެސް ދެން ވީ ގޮތެއް ހުސައިނަށް ވެސް އެނގިނުލައްވައެވެެ. ހޭލެވުނު އިރު ކައިރީގައި ތިބީ ޑޮކްޓަރުންނާއި ނަރުހުންތަކެކެވެ. ސްޓްރޯކެއް ޖެހި ހާލު ގޯސްވިކަން އޭނާއަށް އެނގިވަޑައިގެންނެވި ހިސާބަކީ މިއީއެވެ.

"ބައިވަރު ބޭސްތަކެއް ވެސް އެއްފަހަރާ އަަޅުގަނޑަށް ދިން. އެއަށްފަހު އަޅުގަނޑަށް އެނގުނީ ވަރަށް ބޮޑު ހާޓްއެޓޭކެއް ޖެހިގެންކަން މިދިޔައީ. އެއީ ދެން ކަންތައްވީ ގޮތަކީ،" އޭނާ ކިޔައިދެއްވިއެވެ.

ހާޓްއެޓޭކެއް ޖެހި އެކަމަށް ފަރުވާކުރުމަށް ޓަަކައި ޑޮކްޓަރުން އޭރު ވެސް އައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންޖީއޯގްރާމް ހަދަން ތައްޔާރުވަމުން އަންނަނިކޮށް އިތުރު ސްޓްރޯކެއް ވެސް ހުސައިނަށް ޖެހުނެވެ. އެ ސްޓްރޯކާއެކު އޭނާއަށް ވާހަކަދެއްކޭ ގޮތް ވެސް ނުވިއެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު -- ސަން ފޮޓޯ/ ނާއިލް ހަފީޒް

ނަމަވެސް ޑޮކްޓަރުންގެ މަސައްކަތާއެކު ބައިގަޑިއިރެއްހާ އިރު ތެރޭ އެ ކަން ރަނގަޅުވިއެވެ. އެއީ އޭނާއަށް ވެސް އަދި އޭނާގެ އާއިލާއަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

އެ ފަދަ ބޮޑު ކަމެއް ދިމާވުމުން ހުސައިން ވެސް އަދި އޭނާގެ އާއިލާއިން ވެސް ފުރަތަމަ ނިންމީ ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށެވެ. ނަމަވެސް އޭޑީކޭގެ މެޑިކަލް ޓީމުން ލަފާދިން ގޮތުގައި ހުސައިންގެ ހާލު ސީރިއަސްކަމުން އެ ހާލަތުގައި އެއީ ނުރައްކާ ބޮޑުކަމެކެވެ.

ހުސައިން ވިދާޅުވި ގޮތުގައި މިއީ އޭނާއަށް ކޮންމެ ވެސް މިންވަރަކަށް ނުތަނަވަސްކަން އިހުސާސްކުރެވުނު ވަގުތުކޮޅެކެވެ. ނަމަވެސް އެއްވެސް އިރަކު އޭނާ މި ކަމުން އަރައިގަނެވޭނެކަމާމެދު ކުރަމުން އައި އުންމީދު ކަނޑައެއް ނުލައްވައެވެ.

"ކޮންމެ ކަމެއް ވެސް ކޮންމެފަދަ ވަގުތަކު ވެސް ދިމާވެދާނެ ކަމުގެ އިހުސާސް ކުރެވިގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވި ގޮތުގައި އޭނާ އޭޑީކޭގައި ފަރުވާ ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު އިތުބާރެއް ދެއްވީ ޑރ. މުހައްމަދު ޝާފިއުއެވެ. ހިތުގެ އޮޕަޜޭޝަނަކަށް ތައްޔާރުވަމުން ދިޔައިރު އެއީ އޭނާގެ ހިތުގައި އެ ވަގުތު އުފެދިފައި ހުރި ސުވާލުތަކާއި ނުތަނަވަސްކަމަށް ލުޔެއް ލިބުނު ކަމެކެވެ.

ހުސައިން ވިދާޅުވި ގޮތުގައި އޭނާ އެ ހާލަތުން އަރައިގަތުމުގައި ޑރ. ޝާފިއު އިސްކޮށް ހުންނަވާ ކޮށްދެއްވި މަސައްކަތްތަކަކީ ބުރަ މުހިންމު މަސައްކަތްތަކެކެވެ.

"އަޅުގަނޑުގެ ތަޖުރިބާއަކީ ޑރ. ޝާފިއުއަކީ އަދި އެ ބޭފުޅާގެ ޓީމަކީ ވަރަށް ބޮޑަށް އަޑު އައްސަވާ ވަރަށް ބޮޑަށް ބަލިމީހާއަށް އަޅައިލައްވާ ބޭފުޅުންގެ ގޮތުގައި. އެހެންވީމާ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން އެ ބޭފުޅުންގެ މުޅި ޓީމުން ޚާއްސަކޮށް ޑރ. ޝާފިއު އިސްކޮށް ހުންނަވައިގެން އެ ދެއްވި އިތުބާރާއި އަދި އެ ބޭފުޅުން އެތައް ގަޑިއިރެއް ވަންދެން ކުރެއްވި ބުރަ މަސައްކަތުން ހަމަ ޔަގީނުން ވެސް ﷲގެ އިރާދަފުޅުން އަނެއްކާ ވެސް މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ ހާލަތު ނޯމަލް ހާލަތަކަށް އައިސްފައޭ މިވަނީ،" އޭނާ ވިދާޅުވިއެވެ.

ހުސައިން، ޑރ. ޝާފިއުއާއެކު --

ހުސައިން، ޑރ. ޝާފިއު ސިފަކުރައްވަނީ މަޖާ މިޒާޖެއްގެ އެކުވެރި ބޭފުޅެއްގެ ގޮތުގައެވެ. އޮޕަރޭޝަން ނިމި މިއަދާ ހަމައަށް އައިރު ވެސް ޑރ. ޝާފިއު ހުންނެވީ އޭނާގެ ގާތް އެކުވެރިއެއްގެ ގޮތުގައިކަމަށް ހުސައިން ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާގެ އަންހެނުންގެ ފަރާތުން ލިބުނު އަޅައިލުމާއި އެ ހުރިހާ ވަގުތަކު އެންމެ ގާތުގައި ހުރި ހުރުން ހުސައިން ފާހަގަކުރެއްވިއެވެ. އަދި އޭނާގެ ދަރިންނާއި، ބޭބެއިންނާއި ދައްތައިންގެ ފަރާތުން ލިބުނު އަޅައިލުން ވެސް ހުސައިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިސްކަންދަރު ސްކޫލުގެ މުވައްޒަފުންނާއި އެކުވެރިން ގަވައިދުން އޭނާގެ ކަންކަން އޮޅުން ފިލުވައި ހޮސްޕިޓަލުގައި ހޭދަކުރި ވަގުތުތަކަކީ ވެސް ހުސައިންގެ ޝުކުރުގައި ފާހަގަކުރި ކަންކަމެވެ.

މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާ ކުރަން ނުޖެހޭފަދަ ސިއްހީ ބިރުވެރިކަމަކުން ހުސައިނަށް ލިބުނު ފަރުވާއާއި އެ އިހުސާސްގެ ވާހަކަ މިއަދު އޭނާ ކިޔައިދެނީ ޝުކުރުވެރިކަމާއެކުގައެވެ.

comment ކޮމެންޓް