ސާފް ޗެމްޕިއަންޝިޕް 2023 ގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން ފަސޭހަކަމާއެކު ޕާކިސްތާން ބަލިކޮށްފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި ޕާސްކިތާން ކޮޅަށް ގޯލު ޖެހުމަށްފަހު އިންޑިއާގެ ކުޅުންތެރިންނާއެކު ކެޕްޓަން ސުނިލް ޗެތުރީ އުފާފާޅުކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު
އެ މެޗުގެ ކުރިން ވިސާ ހަމަނުޖެހުމުގެ ސަބަބުން އިންޑިއާއަށް ނޭރި، މެޗު ގެއްލިދާނެ ކަމުގެ ބިރު ވެސް ޕާކިސްތާނަށް އޮތެވެ. ޕާކިސްތާނަށް ވިސާ ހަމަޖެހުމުން އިންޑިއާއަށް އެތެރެވީ ރޭގެ ވަގުތެއްގައެވެ. އަދި ބެންގަލޫރަށް ދެވުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެހެންކަމުން މިއަދުގެ މެޗުގައި ޕާކިސްތާން ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔައެވެ.
މިރޭގެ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި އިންޑިއާ އިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ދިހަވަނަ މިނެޓުގައި ޕާކިސްތާން ކީޕަރު ސާގިބް ހަނީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އިންޑިއާއަށް ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. ޕާކިސްތާން ކީޕަރު ސާގިބަކީ ރާއްޖޭގެ ކްލަބު ގްރީން ސްޓްރީޓްސްގެ ގޯލު ބަލަހައްޓަމުންދާ ކީޕަރެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު
އޭގެ ފަސް މިނެޓު ފަހުން އިންޑިއާ އިން ލީޑު ފުޅާކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އިންޑިއާއަށް އެ ޕެނަލްޓީ ދީފައިވަނީ އަނިރުދް ތާޕާ ފޮނުވާލި ހަމަލާއެއް ޕެނަލްޓީ އޭރިއާ ތެރެއިން ޕާކިސްތާންގެ އީސާ ސުލިމާން އަތުގައި ޖެހުމުންނެވެ. އިންޑިއާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ޗެތުރީއެވެ.
ދެ ގޯލުގެ ލީޑެއް ހޯދުމަށްފަހު ވެސް އިންޑިއާގެ ނުރައްކާތަކެއް ފެނިގެންދިޔައެވެ. އެގޮތުން އިންޑިއާގެ ލާލިއަންޒުއާލާ ޗަންގްޓޭ ފޮނުވާލި ހަމަލާއެއް ޕާކިސްތާން ކީޕަރު ސާގިބް މަތަކުރި އިރު، ޗެތުރީ ފޮނުވާލި ހިލޭ ޖެހުމެއް ދިޔައީ ޕާކިސްތާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު
ފުރަތަމަ ހާފު ނިމެނިކޮށް، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގައި، މެޗު ހޫނުވެގެންދިޔައެވެ. އެ ހަމަނުޖެހުން ހިނގާފައިވަނީ ޕާކިސްތާނުގެ ކުޅުންތެރިއެއް ބޯޅަ އެއްލަނިކޮށް، އެ ބޯޅައިގައި އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް އަތުން ޖެހުމުންނެވެ. އެކަމާ ގުޅިގެން ރެފްރީ ވަނީ ކޯޗު ސްޓިމަކްއަށް ރަތް ކާޑެއް ވެސް ދައްކައިފައެވެ. އެއީ މިފަހަރުގެ މުބާރާތުގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް އިންޑިއާ އިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ހާފު ފެށިތާ ތިން މިނެޓުގެ ތެރޭގައި އިންޑިއާއަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި އިންޑިއާގެ ސަހަލް އަބްދުލް ސަމަދު ލިބުނު ބޯޅައިން ފޮނުވާލި ހަމަލާ ޕާކިސްތާނުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ޕާކިސްތާނުން ކުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ 74 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޗެތުރީއަށް ޕާކިސްތާންގެ މުހައްމަދު ސުފިޔާން ކުރި ފައުލަކާ ގުޅިގެން އިންޑިއާއަށް އިތުރު ޕެނަލްޓީއެއް ލިބިގެންދިޔައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، ޗެތުރީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު
މެޗުގައި އިންޑިއާ އިން ޖެހި ހަތަރުވަނަ ގޯލު ފެނިގެންދިޔައީ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށެވެ. އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުދަންތާ ސިންހެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ، ޕާކިސްތާން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ "ގްރޫޕު ބީ" ގެ ދެ މެޗެވެ. ފުރަތަަމަ މެޗުގައި މާދަމާ ހަވީރު 3:00 ގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، މާދަމާ ރޭ 7:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ބޫޓާނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އެސްއެސްނެޓްގެ ޗެނަލް ނަމްބަރު 10 އިން ފެންނާނެއެވެ.