މަޖިލީހުގެ ރިޔާސަތަށް އާއިލީ ގޮތުން ގުޅިފައިވާ ދެބޭފުޅަކު އައްޔަންކުރުމާމެދު ވިސްނަންޖެހޭ: އަސްލަމް

އެމްޑީޕީ ޕީޖީ ގްރޫޕުގެ ނޫސްވެރިންގެ ބައްދަލުވުން / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް އާއިލީ ގޮތުން ގުޅިފައިވާ ދެބޭފުޅަކު އައްޔަންކުރުމަކީ ކުރިއަށް އޮތް ތަނުގައި ވިސްނަންޖެހޭ ވަރުގެ ކަމެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅުމާއެކު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ އުޒުވެރިވެ ވަޑައިގެންފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސަށް ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވޭނީ ޖެހިޖެހިގެން ތިން ދުވަހުއެވެ. އެ ތިން ދުވަހު ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ގަވާއިދުން ޖާގަ ދޭ ތިން ދުވަސް އިއްޔެ ހަމަވެފައިވާއިރު، މަޖިލީހުގެ ޖަލްސާތައް އިތުރަށް ކުރިއަށް ގެންދާނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ ބާއްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވާ އަސްލަމް ވިދާޅުވީ، މަޖިލީހުގައި ޕާސަނަލް މައްސަލައެއް އޮތުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. މަޖިލީހުގެ ޤާނޫނާ ޤަވައިދުގައި އޮތް ހަމައަކަށް ނުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އާއިލީ ގޮތުން ގުޅުން އޮންނަ ދެ ބޭފުޅަކު މަޖިލީހުގެ ރައީސްއާ ނައިބުރައީސްގެ މަޤާމަށް އައްޔަންކުރުމާމެދު ވިސްނަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެން ބައްލަވައިގެން ނުވާނެ އިނގޭތޯ. އެއީ މަޖިލީހުގެ ރައީސްގެ މަޤާމުގަ ހުންނަ ފަރާތެއް ނުޖެހޭނެ ވަކި ފަރާތަކަށް ޖެހޭކަށް. ކޮއްކޮއެއްތޯ ބޭބެއެއްތޯ ނުވަތަ ރަހުމަތްތެރިއެއްތޯ ބެލިގެން ނުވާނެ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ޕާސަނަލް މައްސަލައެއް ވެއްޖިއްޔާ ވެދާނެ އަޅުގަނޑުމެންނަށް ކަންބޮޑުވާ މައްސަލައަކަށް. އެ ނޫނިއްޔާ މަޖިލީހުގެ ގަވައިދުގަ މިކަން ނުކުރެވޭނެ އެއް ގޮތް ވެސް ނެތް. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުރެ، ބަލައިގަންނަން އެންމެ އުނދަގޫވާ ކަމަކީ "ތިމަންނަ ތި މައްސަލަ ނެގީމައޭ މަޖިލިސް ކުރިއަށް ގެންދާނީ" ބުނުމުން ކަމަށެވެ. އެއީ ދައުލަތުގެ އެފަދަ މަޤާމެއްގައި ހުރި ފަރާތެއްގެ ހައިސިއްޔަތުން ބުނަން ވަރަށް ދެރަވަރުގެ ބަހެއްގެ ގޮތުގައި އަސްލަމް ސިފަކުރެއްވިއެވެ.

އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ނަންގަވަން ވިދާޅުވާނީ ވެސް މަސައްކަތަށް އެއްވެސް އިހުލާސްތެރިކަމެއް ނެތުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންވީމަ ޤާނޫނާ މަޖިލީހުގެ ޤަވައިދުގައި ވާގޮތުން ނަމަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ޒިންމާއިން އެއްކިބާވެ ވަޑައިގަންނަވަނީ. ޒިންމާ ފުރިހަމައަށް އަދާ ނުކުރައްވަނީ. މަސްއޫލިއްޔަތު އަދާ ނުކުރައްވަނީ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާއެކުއެވެ. އެ މައްސަލައިގައި އެ މަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް އެޖެންޑާ ކުރެވޭނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް