ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައިވެސް މުނިސިޕަލްޓީގެ މަސައްކަތަކީ، އެ މުނިސިޕަލްޓީ އަކާއި ޙަވާލުވެފައި އޮންނަ ރަށެއްގައި ރައްޔިތުންނަށް ޢާއްމު ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ ޚިދުމަތްތައް ރަގަޅުކުރުމަށް މަސައްކަތްކުރުމެވެ. ބައެއް ޤައުމުތަކުގައި އެ ޚިދުމަތްދިނުމަށް ކުރަންޖެހޭ ޚަރަދުގެ ކޮންމެވެސް މިންވަރެއް، ޚިދުމަތް ލިބިގަންނަ ފަރާތުން ހޯދުމަށް، ޤާނޫނުގެ ހުއްދައާއި އެކު، ވަކި ހުދޫދެއްގެ ތެރޭގައި ފީއެއްވެސް ނެގޭގޮތަށް އޮވެއެވެ. މައިގަނޑު ގޮތެއްގައި ސިޓީ ކައުންސިލެއްގެ މަސައްކަތަކަށް ވެފައި އޮންނަނީ ސިޓީ ރީތިކޮށް ސާފުކޮށް ބެލެހެއްޓުމެވެ.

ސިޓީކައުންސިލްގެ މެންބަރުން އެ މަޤާމަށް ހޮވެނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކަމުގައިވިޔަސް، މެންބަރަކަށް ހޮވުމަށްފަހު، އެމީހަކު ނުވަތަ އެބަޔަކު މަސައްކަތްކުރަންވާނީ އެ ސިޓީއެއްގައި ދިރިއުޅޭ ހުރިހާ ފަރާތަކަށް ސާފުތާހިރުކަމާއިއެކު ދިރިއުޅެވޭނޭ ސިއްޙީ މާޙައުލެއް ޤާއިމުކުރުމަށެވެ. ސިޓީ ފެހިކުރުމާއި، ޒުވާނުން ކުޅިވަރުކުޅޭނޭ ދަނޑުތަކާއި، ކުޑަކުދިންނަށް ރައްކާތެރިކަމާއި އެކު ކުޅެވޭނެ ޕާކްތަކާއި، ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންކުރެވޭނޭ ތަންތަން އިތުރުކުރުމާއި، ޕާކް ކުރެވޭނޭ ނިޒާމެއް ގާއިމުކުރުމާއި، ކުނިއުކާލުމުގެ ކަންތައް ހަމަޖެހޭ ރަގަޅު އުޞޫލަކަށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލަކުން ކުރަންޖެހޭކަންކަމެވެ.

ސިޓީ ކައުންސިލަށް މެންބަރުން ހޮވަނީ އެސިޓީއެއްގައި ދިރިއުޅޭ މީހުންނެވެ. އެމީހުންގެ މުނިސިޕަލް މަސައްކަތްތައް ބެލެހެއްޓުމަށެވެ. ސިޔާސީ ކަންތަކާއި ކުޅުމަށް، ނުވަތަ ބަސްކިއުމަށް، ނުވަތަ ރައްޔިތުންގެ ޤާނޫނީ ހައްޤުތައް ހޯދުމަށް، ނުވަތަ ވަކާލާތުކުރުމަކަށެއް ނޫނެވެ. އެމަސައްކަތްކުރުމަށް ވެސް ވަނީ ބަޔަކު ހޮވާފައެވެ. ސިޓީތަކުންނެވެ. މިގޮތަށް ސިޓީ ތަމްސީލުވާގޮތަށް މެންބަރުން ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ސަރަހައްދެއްގެ ރައްޔިތުންނާއި މުޅިޤައުމުގެ ރައްޔިތުންގެ އަސާސީ ހައްޤުތަކާއި، ސިޔާސީ ޙައްޤުތަކާއި، އަދި އެނޫންވެސް ޤައުމީ މައްސަލަތަކާއި ބެހޭގޮތުން ރައްޔިތުންގެ ފަރާތުން ބަސްބުނާ ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ކަރަޕްޝަނާއި އާރބިޓްރޭޝަނާއި ހުރި ތަފާތު އެނގިވަޑައިނުގަތަސް، ނުވަތަ އިންވެސްޓިގޭޓަރ އާއި އާބިޓުރޭޓަރުގެ ތަފާތު އެނގިވަޑައިނުގަތަސް، ނުވަތަ ހުށައެޅިފައި އޮންނަ މައްސަލައަކާއިމެދު ވާހަކަދައްކަވަން އެނގިވަޑައިނުގަންނަވައިގެން، މައުލޫއިން ބޭރު، އެއިރަކަށް ފެނިވަޑައިގެންނެވި ވާހަކައެއް ދެއްކެވިޔަސް، އެބޭފުޅުންނަކީ ރައްޔިތުންގެ މަންދޫބުންކަމާއިމެދު އެއްވެސް ފަރާތަކަށް އިޢުތިރާޒެއް ނުކުރެވޭނެއެވެ. އެއީ ރައްޔިތުންގެ ނިންމުމެވެ. އަޅުގަނޑުމެން ސިޔާސީ ކަންކަމާއި މެދު ޤާނޫނީ ހައްލެއް ހޯއްދަވާނީ، ހޯއްދެވޭނީ، ހޯއްދަވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މުނިސިޕަލް ކައުންސިލަކުން އެއިރަކު ތަނެއްގައި އޮންނަ ޤާނޫނީ ވެރިކަން ޤަބޫލުނުކުރާކަމަށް ބުނުމަކީ ޤާނޫނީ މައްސަލައެއް ނޫނެވެ. ސުލޫކީ މައްސަލައެކެވެ. އ.ދ.ގެ މެޑަމް ޕިއްލޭވެސް، ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް އޮންނަކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވިކަމަށް ނޫސްތަކުން ރިޕޯޓްކުރިއެވެ. އެކަމަނާ ޤަބޫލުފުޅުކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް އަޅުގަނޑުމެންގެ ރާއްޖޭގައި ޤާނޫނުއަސާސީއެއް އެބައޮތެވެ. އެޤަބޫލުފުޅު ނުކުރެއްވުމުން އަޅުގަނޑުމެންނަށް ލިބުނު ގެއްލުމެއްނެތެވެ. ގެއްލުމެއް ނުވެސްވާނެއެވެ.

ރާއްޖޭގެ މުނިސިޕަލް ކައުންސިލްތަކުންވެސް އެފަރާތްތަކާއި ހަވާލުކުރެވިފައިވާ މަސައްްކަތްތައް ކުރުމަށް ސަމާލުވާންވެއްޖެއެވެ. އިންތިޚާބީ މަޤާމްތަކާއި ކުރިމަތިލައްވާ ފަރާތްތަކުން، އިންްތިޚާބު ކާމިޔާބު ކުރެއްވުމުން އެމީހަކުވަނީ އެދާއިރާއެއްގެ މަންދޫބަކަށެވެ. އެމީހަކު ކަންތައް ކުރަންވާނީ ހަމައާއި އިންޞާފަށެވެ. މީހަކަށް ތަނެއް ހަވާލު ކުރިޔަސް ނުވަތަ އެއްޗެއް ދިނަސް ދޭންވާނީ ވަކި ފަރާތަކަށް ނުޖެހި ހަމައާއި އިންޞާފަށެވެ. މިސާލަކަށް ދަންނަވާނަމަ މަޖީދީމަގުގެ ވަކި ހިސާބަކުން ވަކި ޕާޓީއެއްގެ ބޭނުމަށް ދޫކުރާގޮތަށް ހަމަޖައްސައިފިނަމަ، އެއީ މައްސަލައެކެވެ. އެތަނުގެ ބޭނުންހިފާ އެހެން މީހުންނަށް ވަރަށް ބޮޑު އުނދަގުލަކަށް ވެގެންދާނެއެވެ. ޕާޓީތަކުން އިންތިޚާބުތަކުގައި މަޤާމްތަކަށް މީހުން ހޮވަނީ ޤާނޫނާއި، ޢާއްމު ހަމަތަކާއި، ޤަދީމީ އާދަކާދައާއި ޚިލާފަށް، އެޕާޓީއަކަށް ބޭނުންވާގޮތަށް ކަންތައްކުރާކަށެއް ނޫނެވެ. ޤާނޫނީ އިމުގެތެރޭގައި ޕާޓީގެ ވިސްނުމާއި އެއްގޮތަށް ކަންތައް ކުރުމަށެވެ.

މާލޭގެ މަގުތައް މަރާމާތަށް އެދި ރޮނީއެވެ. މާލޭގެ މަލަމަތި ފެހިކަމަށް އެދިގޮވަނީއެވެ. މާލޭގެ ޓުރެފިކް ހަރުދަނާ ޕާކިންގ އުސޫލަކަށް އެދި އާދޭސްކުރަނީއެވެ. އެކަމަކު މާލޭ ސިޓީ ކައުންސިލްއަވަދިނެތި އުޅުއްވާތަން ފެންނަނީ ސިޔާސީ ބައިސާބުނުމާއި، މާލޭގެ ރައްޔިތުން މުނިފޫހި ފިލުވުމަށް އޮންނަ ކުޑަ ބިންކޮޅު ރައްޓެހިންނަށް "ލިޔެ" ދެއްވުމުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް