ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހަ މަހަށް ޖަލަށް

ކުޅުދުއްފުށި ފަރިރީތި ފިހާރަ: އެ ފިހާރަ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި ---

ހދ. ކުޅުދުއްފުށި ފަރި ރީތި ފިހާރަ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ކުޅުދުއްފުށި/ ކަނޑޫމާގެ, އިބްރާހިމް ހަސަންގެ މައްޗަށް އުފުލީ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ފަރިރީތި ފިހާރައިގެ ވެރިޔާއާ ދެމެދު ހިނގި ދެބަސްވުމެއްގައި ތެރޭގައި ޒުވާބު ކުރަމުން ގޮސް "ދެން ގޮއްވާލާނީ ދުއްވާލާނީ ހުރިހާތަނެކޭ" ބުނެ ބިރުދައްކައި އިންޒާރު ދީފައިވާތީއެވެ.

މި އަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ މެންދުރު ހިނގި އެ ހާދިސާއާ ގުޅިގެން އިބްރާހިމް ހަސަންގެ މައްޗަށް އުފުލި ބިރުދެއްކުމުގެ ދައުވާއަށް އޭނާ ވަނީ ތަހުގީގު މަރުހަލާގެ އިތުރުން ކޯޓުގައި ވެސް އިއުތިރާފުވެފައެވެ.

އެހެންކަމުން އަވަސްނިޔާގެ އަޑުއެހުމެއްގެ ގޮތުގައި މައްސަލަ ކުރިއަށް ވަނީ ގެންގޮސް އިއްޔެ ވަނީ އޭނާ ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަދި، އެ މައްސަލައާ ގުޅިގެން މީގެ ކުރިން އޭނާއަށް ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ ދެން ތަންފީޒު ކުރަން ޖެހޭނީ ފަސް މަހާއި 22 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް