ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުން މިވަގުތު ހަވާލުކުރައްވާފައިވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު ރައީސް އޮފީހަށް ވަޑައިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު "ސަން"އަށް ވިދާޅުވީ ރައީސާ ބައްދަލުކުރައްވަން އެދިވަޑައިގަތީ އަފީފް ކަމަށެވެ. އަދި އެ ދެ ބޭފުޅުން މެންދުރުގެ ވަގުތެއްގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ހަސަން އަފީފާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހަވާލުކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގެންފައި ވާތީއެވެ.
މަޖިލީހުގެ އަމީންއާންމަށް ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ އެ މަނިކުފާނު ނިސްބަތްވާ ޕާޓީން، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ، އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އެކަމަކު، އެ މުއްދަތުގައި މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓި ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މިންވަރަށް އެންމެހައި ކަންކަން ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ބ. ގެ ދަށުން ރިޔާސަތު ބެލެހެއްޓެވުމަށް ނިއުޝާ ވަނީ ހަސަން އަފީފަށް ދަންނަވާފައެވެ.
ނަމަވެސް އަފީފާ މަޖިލީހުގެ ރިޔާސަތު ހަވާލުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ވަނީ އެކި ދުވަސް މަތީން ނުރުހުން ފާޅުކޮށްފައެވެ. އަދި އޭނާ ރިޔާސަތުގައި އިންނަވައި މަޖިލިސް ކުރިއަށް ގެންދަން ފުރުސަތު ނުދީ ޖަލްސާއަށް ހުރަސްއަޅާފައިވެސް ވެއެވެ.