ޕާޓީ އުފެއްދުމުގެ ހުއްދަ ނުލިބެނީސް އީސީން ނުނިކުންނަށް ޑިމޮކްރެޓުން ނިންމައިފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގައި އުޅޭ މީހުން އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި --- ފޮޓޯ/ސޯޝަލް މީޑިއާ

"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބެންދެން، އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ތިބޭނެ ކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ޕާޓީގެ މުއައްސިސް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި ހުންނަވައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މިރޭ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރާ ކަމަށް އީސީން ބުނެފައި ވާކަމަށެވެ. ނަމަވެސް މިކަމަށް އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ އެއް މެމްބަރަކު ވީ ހައްޖުގެ އަޅުކަމުގަ މައްކާގަ. ދެން ތިބި ހަތަރު ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ ރައީސްއާ ނައިބު ރައީސް އެބް މަސައްކަތް ކުރައްވާ މި ބައްދަލުވުން ބާއްވަން ކުރަންޖެހޭ ކަންކަން ކުރަން. އަނެއް ދެ ބޭފުޅުންގެ އެއްބާރުލުން ލިބޭ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

އެއްބާރުލުން ނުލިބޭ މެމްބަރުން ޖަލްސާއަސް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން އެ ދެ މެމްބަރުނަށް ގުޅަމުން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ބޭފުޅުން މި ޖަލްސާ ބާއްވައިގެން މިހާރުންމިހާރަށް ވެސް ކުރެވެން އޮތް ކަމެއް މި ކަމަކީ. އެކަމަކު ލަސް ކުރަމުން ދާތަން މި ފެންނަނީ. އެއްގޮތުން ނޫނިއްޔާ އަނެއް ގޮތުން ވެސް މި ޕާޓީ ރަޖިސްޓްރީ ވިޔަ ނުދޭން އީސީގެ ދެ މެމްބަރުން މަސައްކަތް ކުރާކަމަށް އަޅުގަނޑުމެނަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/178789

މިކަމާ ގުޅިގެން އީސީގެ ބަހެއް ލިބޭ ގޮތް ވަނީ އަދި ނުވެފައެވެ.

comment ކޮމެންޓް