ނަސޭހަތް ދޭތީ އެކަމާ ރުޅި އައިސްގެން އުމުރުން 68 އަހަރުގެ މަންމަ މަރާލާނެ ކަމަށް ތަކުރާރުކޮށް އިންޒާރުދިން މީހަކު ދެ މަހާއި ތިން ދުވަހަށް ޖަލަށް ލުމަށް ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ސ. މީދޫ، ބަށިމާގެ, އަފްސަން ލަތީފް45,ގެ މައްޗަށް އުފުލީ އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ އަފްސަންގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ އަފްސަން އޭނާގެ މަންމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާތީއެވެ. ދައުވާއަށް އަފްސަން އިންކާރު ކުރުމުން ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި އޭނާ އިންޒާރު ދިން މަންމަގެ އިތުރުން އަންހެން ކޮއްކޮ އަކާއި މާމަ ދަރިއެއް ހިމެނެއެވެ.
ހެކިބަސް ދެމުން މަންމަ ބުނެފައިވަނީ, އެ ދުވަހު އަފްސަން މަރުގެ އިންޒާރު ދީފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނުމުން ކަމަށެވެ. ރޭގަނޑު ކާން އިންދައި މަންމަ އެހެން ބުނުމުން ކާން ހުރި ހުރިހާ އެއްޗެއް މޭޒުމައްޗަށް ޖަހައި ޒުވާބުކޮށްފައިވާ ކަމަށް މަންމަ ބުންޏެވެ. އަދި ހަކުރު ނުބޯ ކަމަށާއި އޭނާ "ޖަލުގައި އިންނާނީ މީނަ މަރާލާފައޭ" މަންމައާ ދިމާލަށް ގޮވި ކަމަށް ހެކިބަސްދެމުން މަންމަ ބުންޏެވެ.
އެހެން ބުނުމުން މަންމަ ބިރުން ބޭރަށް ނިކުމެ މީހަކަށް ގުޅައި އެހީތެރިކަމަށް އެދުނު ކަމަށް ވެސް ބުނެފައިވެއެވެ.
އަފްސަން އޭނާއާ ދިމާލަށް އަބަދުވެސް އެފަދަ އިންޒާރުދޭ ކަމަށް ބުނެ މަންމަ ވަނީ ހެކިބަސް ދީފައެވެ. އެކަމުގެ ސަބަބުން އަބަދުވެސް ހުންނަން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް މަންމަ ބުންޏެވެ.
މަންމަގެ ބަހަށް ބާރުލިބޭ ގޮތަށް އޭނާގެ އެހެން ދަރިއަކު ވެސް ހެކިބަސް ދީ ބުނެފައިވަނީ އަފްސަން އެގޮތަށް އިންޒާރު ދިން އަޑު އިވުނު ކަމަށެވެ.
ދައުވާއަށް އަފްސަން އިންކާރުކުރި ނަމަވެސް ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން މީދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުދަ ދުވަހު ނިންމާފައިވަނީ ކުށް ކުރި ކަމުގެ އުންސުރުތައް ހަމަވާތީ އަފްސަންގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.
ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނާ މިންވަރަށް އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައޮ ދެ މަހާއި ތިން ދުވަހަށް އަފްސަން ޖަލަށް ލުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.