ހެއްވާ މަޖާ ފިލްމު 'ފުކްރޭ' މިއަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ފުކްރޭ" ސިލްސިލާގެ އެންމެ ފަހު ފިލްމު މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ނިންމައިފިއެވެ.

ފަރްޚާން އަޚްތަރު އާއި ރިތޭޝް ސިދްވާނީގެ މިފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

"ފުކްރޭ3" އެންމެ ފުރަތަމަ ރިލީޒްކުރުމަށް ތާވަލުކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެހެންނަމަވެސް އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ރިލީޒްކުރުން ސެޕްޓެމްބަރު މަހަށް ތާވަލުކުރެވުމާއެކު "ފުކްރޭ3" ސިނަމާތަކަށް ގެންނަ ދުވަސް ޑިސެމްބަރު މަހަށް ފަސްކުރީއެވެ.

"ފުކްރޭ3"އަކީ މި ސިލްސިލާގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް ހެއްވާ މަޖާ ހާދިސާތަކުން ފުރިފައިވާ ފިލްމެކެވެ. މިސިލްސިލާގެ ކުރީގެ ފިލްމުތަކުން ފެނިފައިވާ 'ފުކްރޭ ބޯއީސް' މިފަހަރުވެސް ފެންނާނެކަމަށް ފިލްމު ގެނެސްދޭ އެކްސެލް އެންޓަޓެއިންމަންޓްއިންވަނީ ބުނެފައެވެ.

ކުރީގެ ފިލްމު "ފުކްރޭ" އަދި "ފުކްރޭ ރިޓާންސް"އިން އެކްޓަރު އަލީ ފަޒަލް ފެނުނު ނަމަވެސް މިފަހަރުގެ ކާސްޓުން އެކްޓަރު ނުފެންނާނެއެވެ. މިފަހަރުގެ ފިލްމުންވެސް ޕުލްކިތު ސަމްރާތު، ވަރުން ޝަރުމާ، ރިޗާ ޗައްދާ، މަންޖޯތު ސިންގު އަދި ޕަންކަޖް ތްރިޕަތީ ފެންނާނެއެވެ. ފިލްމުން ކުރިން ފެނިފައިވާ އެކްޓަރު އަލީ ފަޒަލްއަށް މިސީރީސްގެ ފަހުބައިގައި ބައިވެރިނުވެވުނުނަމަވެސް އަލީ ފަޒަލްގެ ހެޔޮ އެދުންތައް އަބަދުވެސް މި ފިލްމުގެ ޓީމާއެކުވާނެކަމަށް އެކްޓަރުވަނީ ބުނެފައެވެ.

ފަރްޚާން އަޚްތަރު އާއި ރިތޭޝް ސިދްވާނީގެ ހިއްސާ އޮންނަ އެކްސެލް އެންޓަޓެއިންމަންޓްއިން އުފައްދާ "ފުކްރޭ3"ގެ ޑައިރެކްޓަރަކީ، ރިގްދީޕް ސިންގްއެވެ. މި ސީރީޒްގެ ފުރަތަމަ ދެ ފިލްމުވެސް ޑައިރެކްޓްކުރީ އޭނާއެވެ.

މި ސީރީސްގެ ފުރަތަމަ ފިލްމަށް މިމަހުގެ 13ވަނަ ދުވަހު ދިހަ އަހަރު ފުރިފައިވުމާއެކު ފިލްމުގެ ފުރަތަމަ ސްކްރީނިންގް ވަރަށް ޚާއްސަވާނެކަމަށް އެކްސެލް ކުންފުނިންވަނީ ބުނެފައެވެ.

comment ކޮމެންޓް