ރިސޯޓު ލީގު: ފަސޭހަ މޮޅަކާއެކު ވިލުރީފުން ފެށުން ރަނގަޅުކޮށްފި

ރިސޯޓު ލީގުގެ ދާލު ޒޯންގައި ބަގްލިއޯނީ ކޮޅަށް ގޯލު ޖެހުމަށްފަހު، ވިލުރީފުގެ އަހުމަދު ނިމާލް އުފާފާޅުކުރަނީ --- ސަން ފޮޓޯ/ އަހުމަދު ސުނީ

ރިސޯޓު ފުޓުސަލް ލީގުގެ ދާލު ޒޯންގައި ފަސޭހަކަމާއެކު ބަގްލިއޯނީ ބަލިކޮށް، ސަން ސިޔާމް ވިލުރީފުން ފެށުން ރަނގަޅުކޮށްފިއެވެ.

ކަނޑިންމާ ރިސޯޓުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ބަގްލިއޯނީގެ މައްޗަށް ވިލުރީފުން ކުރި ހޯދާފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ރިސޯޓު ލީގުގެ ދާލު ޒޯންގައި ބަގްލިއޯނީއާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވިލުރީފުގެ ޔަސީން ވަހީދު(ވ) --- ސަން ފޮޓޯ/ އަހުމަދު ސުނީ

އަންވަރު އަބްދުލްޤަނީގެ އިރުޝާދުގެ ދަށުން ނުކުތް ވިލުރީފުން ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ބަގްލިއޯނީ ކޮޅަށް ވިލުރީފުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު އަހުމަދު ނިމާލް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޔަސީން ވަހީދެވެ.

މިއަހަރުގެ ރިސޯޓު ލީގުގެ ދާލު ޒޯން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. "ގްރޫޕު އޭ" ގައި ހިމެނެނީ ކަނޑިންމާ އާއި ސެއިންޓް ރެޖިސް ވޮއްމުލި އާއި ވެލަވަރު އަދި ސަން ސިޔާމް އިރުވެލިއެވެ. އަދި "ގްރޫޕު ބީ" ގައި ހިމެނެނީ ބަގްލިއޯނީ އާއި ވިލުރީފްގެ އިތުރުން ނިޔާމައެވެ.

ރިސޯޓު ލީގުގެ ދާލު ޒޯންގައި ބަގްލިއޯނީއާ ދެކޮޅަށް ކުޅުނު މެޗުގައި ވިލުރީފުގެ ސަޕޯޓަރުން އުފާފާޅުކުރަނީ --- ސަން ފޮޓޯ/ އަހުމަދު ސުނީ

ރިސޯޓު ލީގުގެ ދާލު ޒޯންގެ މެޗުތައް ފަށާފައިވަނީ އިއްޔެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ކަނޑިންމާ އިން 1-0 ގެ ނަތީޖާއަކުން ވޮއްމުލި އަތުން މޮޅުވެފައިވާ އިރު، އިއްޔެގެ ދެވަނަ މެޗުގައި ވެލަވަރު ވަނީ ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުން އިރުވެލި ބަލިކޮށްފައެވެ.

comment ކޮމެންޓް