ސޯނަމް ކަޕޫރުގެ ފިލްމީ ޕްރޮޖެކްޓުތައް މީގެފަހުން ބަލަހައްޓާނީ ވައިއާރްއެފްއިން

ސޯނަމް ކަޕޫރު ވަނީ ޔާޝް ރާޖު ފިލްމްސްއާ ގުޅިފަ --

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު, އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ވައިއާރްއެފްއާ ގުޅިއްޖެއެވެ.

ޔަޝް ރާޖް ކުންފުންޏާ ސޯނަމް ކަޕޫރު ގުޅިފައިމިވަނީ ފިލްމީ ދާއިރާއާ ދުރުގައި ހުންނަތާ ދުވަސްކޮޅެއްވެފައިވަނިކޮށެވެ. ސޯނަމްއަކީ ޔަޝް ރާޖް ކުންފުނިން ފިލްމީ ދާއިރާއަށް ނުކުތް ބަތަލާއެއް ނޫނެވެ. އެހެންކަމުން އޭނާ ވެފައިވަނީ މިކުންފުނީގެ ފިލްމަކުން ފިލްމީ ދާއިރާއަށް ނުނިކުމެ، ޔަޝް ރާޖްއާ ގުޅުނު ފުރަތަމަ ބަތަލާއަށެވެ.

ސޯނަމް ފިލްމީ ދާއިރާއަށް ނުކުތީ 2007ވަނަ އަހަރު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ސާވަރިޔާ"އިންނެވެ. އެއަށްފަހު ބޮލީވުޑްގެ ފުންނާބު އުސް ޕްރޮޑިއުސަރުންނާއެކު ސޯނަމް މަސައްކަތްކުރި ނަމަވެސް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ބަތަލާއަށްވަނީ ނުހޯދިފައެވެ. ހަމައެއާއެކު ސޯނަމްގެ އެކްޓިންގްއަށްވެސް ގިނަ ބައެއްގެ ފާޑުކިއުންތައްވަނީ ރައްދުވެފައެވެ.

ޔަޝް ރާޖް ކުންފުނިން މީގެފަހުން ސޯނަމްގެ ފިލްމީ ޕްރޮޖެކްޓްތަކާއެކު ބަތަލާގެ ފިލްމީ ކެރިއަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކުރާނެއެވެ. އޭގެތެރޭގައި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުން ސޯނަމްއަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމާއެކު ލަގްޒަރީ ބްރޭންޑްތަކާއެކު މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވެދޭނެއެވެ.

ޔަޝް ރާޖް ކުންފުންޏާއެކު މަސައްކަތްކޮށްފައިވާ ފިލްމީ ތަރިންގެތެރޭގައި އަނުޝްކާ ޝަރުމާ، ރާނީ މުކަރުޖީ، ރަންވީރު ސިންގް، އަޔުޝްމާން ކުރާނާ އަދި ބޫމީ ޕެޑްނެކަރު ހިމެނެއެވެ.

ޔަޝް ރާޖް ކުންފުންޏާ ދާދިފަހުން ގުޅުނު ފިލްމީ ތަރިންގެތެރޭގައި ޒުވާން ބަތަލާ ޝަރްވަރީ އަދި އަހާން ޕާންޑޭ ހިމެނެއެވެ. އެ ކުންފުނިން ބުނެފައިވަނީ، ސޯނަމް ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށާއި ސޯނަމްއަކީ ފެޝަން ދުނިޔޭގައި ވަރަށް މަގުބޫލު ބްރޭންޑެއް ކަމަށެވެ.

ސޯނަމް، އިންޑިއާގެ ވިޔަފާރިވެރިޔެއް ކަމަށްވާ އާނަންދު އަހޫޖާއާ ކައިވެނިކޮށް ދެ މީހުންގެ ކައިވެންޏަށް މިހާރުވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2019ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ޒޮޔާ ފެކްޓާ"އިންނެވެ.

ސޯނަމް ދެ ފިލްމެއްގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު މިފިލްމުތަކުގެ ތަފްސީލު އަދި އެއްވެސްވަރަކަށް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް