ކަންގަނާގެ ފިލްމު 'ޓިކޫ ވެޑްސް ޝެރޫ'އަށް ފުރަތަމަ ހޮވި އެކްޓަރަކީ އިރުފާން ޚާން

ބަތަލާ ކަންގަނާ ރަނާއަތުގެ އަމިއްލަ ފިލްމު ކުންފުނީގެ ފިލްމު "ޓިކޫ ވެޑްސް ޝެރޫ" އެންމެ ފުރަތަމަ އުފައްދަން ބޭނުންވީ ކުރީގެ އެކްޓަރު އިރުފާނު ޚާންއާ އެކު ކަމަށް ބަތަލާ ބުނެފިއެވެ.

މި ފިލްމަކީ ކަންގަނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ފިލްމު މީގެ ހަތްވަރަކަށް އަހަރު ކުރިން ލޯންޗު ކުރެވުނު ކަމަށް ކަންގަނާ ވަނީ ފިލްމުގެ ޓްރެއިލާ ރިލީޒް ކުރި ޙަފްލާގައި ބުނެފައެވެ. އޭރު ފިލްމު "ޓިކޫ ވެޑްސް ޝެރޫ" އުފައްދަން ބޭނުންވީ "ޑިވައިން ލަވާސް"ގެ ނަމުގައި ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ފިލްމުގެ ޑައިރެކްޓަރު ކުއްލި ގޮތަކަށް ބަލިވެ ސިއްޙީ ހާލަތު ދަށްވުމުން މި ފިލްމު އުފެއްދުން ދެތިން އަހަރަށް ލަސްކުރެވުނީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު އެމޭޒަން ޕްރައިމްއިން މި މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާއިރު ފިލްމު އެމޭޒަންގައި ރިލީޒް ކުރުމަށް ނިންމާ ފިލްމު އުފެއްދުމަށް ނިންމީ ކަންގަނާގެ ޓީމަށް މި ފިލްމުގެ ސްކްރިޕްޓް މާ ބޮޑަށް ކަމުދިޔުމުން ކަމަށް ކަންގަނާ ބުނެފައިވެއެވެ. ނަވާޒުއްދީން އަދި އަވްނީތު ކޯރު ލީޑު ރޯލު ކުޅޭ ފިލްމު "ޓިކޫ ވެޑްސް ޝެރޫ" ރޮމެންޓިކް ޑްރާމާ އެކެވެ.

އެކްޓަރު ނަވާޒުއްދީނަށް ފިލްމު ހުށަހަޅާ ވާހަކަ އެނގުމުން ވަރަށް ގިނަ ބަޔަކު ނަވާޒުއްދީން މި ފިލްމަށް ސޮއި ނުކުރާނެ ކަމަށާއި އެހެން އެކްޓަރަކާ އެކު ފިލްމު ފެށުމަށް ލަފާ އެރުވި ކަމަށް ހިންދީ ސިނަމާގެ ގިނަ ބައެއްގެ ފާޑުކިއުންތައް ރައްދުވާ ބަތަލާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ވެސް އެކްޓަރު ނަވާޒުއްދީންއާއި ބައްދަލުކުރުމަށް ދިގު ރާސްތާއެއް ބަތަލާ ވަނީ ކަޑައްތު ކޮށްފައެވެ.

ކަންގަނާގެ މި ފިލްމު އުފެއްދުމަށް ޝައުގުވެރިވެފައިވާ މިންވަރު ފެނި ނަވާޒުއްދީނު ފިލްމަށް އެއްބަސްވި ކަމަށާއި ފިލްމުގެ ސްކްރިޕްޓް ވެސް އޭރު އެކްޓަރު ނުކިޔާ ކަމަށް ކަންގަނާ ވަނީ ޓްރެއިލާ އިވެންޓުގައި ހާޒިރުވެތިބި ނޫސްވެރިން ގާތު ބުނެފައެވެ.

ނަވާޒުއްދީނު ބުނެފައިވަނީ ކަންގަނާއަކީ އެކްޓަރު އަބަދު ވެސް އިހުތިރާމު ކުރާ ވަރަށް ހުނަރުވެރި ބަތަލާއެއް ކަމަށެވެ. މިހާތަނަށް ކަންގަނާ ކުޅެފައިވާ ފިލްމުތަކަކީ ވެސް ރީތި އެހާމެ މޮޅެތި ފިލްމުތައް ކަމަށާއި ކަންގަނާގެ ފިލްމު ކުންފުނިން ވެސް އުފައްދާފައިވަނީ އެހާމެ ކޮލިޓީ ފިލްމުތައްކަމަށް ނަވާޒުއްދީނު ވަނީ ބުނެފައެވެ. އެހެންކަމާ އެކު ފިލްމު "ޓިކޫ ވެޑްސް ޝެރޫ"ގެ ވާހަކަ އަޑުއެހުމަށް ފަހު ފަހަތަށް އެނބުރި ބަލާލަން ބޭނުންނުވި ކަމަށް ނަވާޒުއްދީނު ބުނެފައިވެއެވެ.

comment ކޮމެންޓް