ޒިކުރާ ކޮލެޖުގެ ކެރިއާ ގައިޑެންސް ފެއާ ބާއްވަނީ

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންތަކެއް ---

މަތީ ތައުލީމުގެ ފުރުސަތުތަކާއި ކުރިއަށްދާނެ ދާއިރާއެއް އިޚުތިޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމަށްޓަކައި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބާއްވާ "ވާޗުއަލް ކެރިއާ ގައިޑެންސް ފެއާ" މި މަހުގައި ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާ މި ފެއާ އޮންނާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00އަށެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެ ކޮލެޖުގެ ކޯޑިނޭޓަރު ޢަބްދުﷲ މާނިޢު ވިދާޅުވީ މި ފެއާ ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކުރިއަށް ދާނެ ދާއިރާއެއް އިޚްތިޔާރު ކުރުމާއި، މަތީ ތަޢުލީމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ މީހުން ހޭލުންތެރިކުރުވުން ކަމަށެވެ.

މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް މައުލޫމާތު ދޭނީ ރާއްޖޭގެ އެކި އެކި ސިނާޢަތްތަކުގެ ތަޖުރިބާކާރުންނެވެ. އަދި ރާއްޖޭގެ މަޝްހޫރު ބައެއް ކީނޯޓް ސްޕީކާސްވެސް މި ފެއާގައި ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި ވާޗުއަލް ފެއާގައި ކެރިއާ ކައުންސިލިން ދިނުމާއި، ކެރިއާ ވޯކްޝޮޕް، ވެބިނާ ސެޝަންތަކާއި އަދި ކުރިއަށް ދިއުމަށް ބޭނުންވާ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

ހިލޭ ބައިވެރިވެވޭގޮތަށް ހަމަޖެހިފައިވާ މި ފެއާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފެއާގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

މިއީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން މިފަދަ ފެއާއެއް ބާއްވާ ދެވަނަ ފަހަރެވެ. ޏ. ފުވައްމުލަކުގައި މިދިޔަ އަހަރު އެ ކޮލެޖުން ބޭއްވި ފެއާއަށްވެސް ވަރަށް ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް