ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގެ މިންގަނޑަކީ ހަމައެކަނި އިމްތިޙާނުތަކުން ލިބޭ ނަތީޖާއަށް ވެގެންނުވާނެ ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
އަށްވަނަ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ އެއްވެސް ކުއްޖަކު ބާކީ ނުވާ، އިންކްލޫސިވް ތައުލީމީ ވެއްޓެއް ގާއިމްކޮށް، ވޮކޭޝަނަލް ތަމްރީނު އިތުރަށް ފުޅާކޮށް، ގައުމީ ތައުލީމީ ވެއްޓަށް އިންގިލާބީ ބަދަލެއް ގެނައުމަށް ގޮވާލައްވާފައެވެ.
ނައިބު ރައީސް ވަނީ ގައުމުގެ ތަރައްގީގައި ރައްޔިތުންގެ، ޚާއްސަކޮށް، މުދައްރިސުންގެ ހައްސާސް ދައުރު ފާހަގަކުރައްވައިފައެވެ. އެގޮތުން ގައުމީ މަންހަޖުގެ މައިގަނޑު ބިނާވެފައިވަނީ އިމްތިޙާނުތަކާއި ސްކޫލް ދައުރު ނިންމުމަށްފަހު ދަރިވަރުން ދިރިއުޅުމުގެ މައިދާނަށް ތައްޔާރުކުރުމަށް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވިއެވެ.
މުދައްރިސުންގެ ކޮންފަރެންސްގެ މައުޟޫއުތަކަށް އަލިއަޅުއްވާލައްވަމުން، ނައިބު ރައީސް ވަނީ ހަރުދަނާ ތަޢުލީމީ ނިޒާމެއް ގާއިމްކުރުމަށް ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގައި ހަމައެކަނި ޖަހާ މިނަކީ އިމްތިޙާނުތަކުގެ ނަތީޖާއަށް ވެގެން ނުވާނޭކަމަށް ވިދާޅުވެފައެވެ.

ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން: ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގެ މިންގަނޑަކީ ހަމައެކަނި އިމްތިޙާނުތަކުގެ ނަތީޖާއަށް ވެގެން ނުވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން ފަންނީ އަދި މަސައްކަތުގެ ވޮކޭޝަނަލް ތަމްރީނަކީ ސިނާއަތްތަކާއި، އީޖާދީ ވިސްނުންތަކާއި، ވިލުންތެރި އިގްތިޞާދެއް ގާއިމްކުރުމަށް މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވިއެވެ. އެކަމަށް ޓަކައި ދަރިވަރުންގެ ގާބިލުކަމާއި ކަންކަން ދަސްކުރުމުގައި ހުރި ދަތިތަކަށް ހައްލުހޯދައިދޭ، އިންކްލޫސިވް ކްލާރޫމްތަކެއް ހުރުމުގެ މުހިންމުކަމަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ޒަމާނީ ތަރައްގީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ޒަރީއާއިން ދަރިވަރުންނަށް ކިޔަވައިދޭން ފަސޭހަވީ ނަމަވެސް އެއީ މުދައްރިސެއްގެ މިންނެތް މަސައްކަތުގެ ބަދަލެއްގެ ގޮތުގައި ބޭނުންކުރެވޭ ކަމެއް ނޫންކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެފަދަ ވަަސީލަތްތަކުގެ ސަބަބުން ކިޔަވައިދޭން ފަސޭހަވީ ނަމަވެސް، މުދައްރިސުންނަކީ ދަރިވަރުންނަށް އަޚްލާގާއި، އުސޫލުތައް ދަސްކޮށްދީ، ދަރިވަރުންނަށް ހިތްވަރުދޭ ބައެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ނައިބު ރައީސަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޓީޗަރުންގެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. އަދި، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު ޚިޔާލު ބަދަލުކޮށް، މަޢުލޫމާތު ހިއްސާކުރުން ވެސް ކުރިއަށްދާނެއެވެ.
މި އަހަރުގެ ކޮންފަރެންސް ބާއްވަނީ 300 ބައިވެރިންނާއެކު ކަމަށްވާއިރު، 106 ފަރާތަކުން 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.