ޖުމްލަ 51 ދާއިރާއެއް ހިމެނޭހެން އެލައިޑް ހެލްތް ޕްރޮފެޝަނަލް ސްކޮލާޝިޕް ސްކީމަށް ހަޔާ އެޑިއުކޭޝަން މިނިސްްޓްރީން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީއިން ބުނީ އެ ސްކޮލާޝިޕްތަކަށް ހުށަހަޅާނީ މިނިސްޓްރޯގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އެ ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ޕޮޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ޖުމްލަ 51 ދާއިރާއަކުން ސްކޮލާޝިޕް ސްކީމަށް އެޕްލައިކުރެވޭއިރު އޭގެތެރޭގައި ފިޒިއޮތެރެޕީގެ ދާއިރާއާއި ކައުންސިލިންއާއި ސައިކޮލޮޖީގެ އިތުރުން ފާމަސީއާއި އޮޕްޓޮމެޓްރީ ނުވަތަ ލޮލުގެ ފަރުވާއާ އަދިވެސް މުހިންމު ދާއިރާތަކެއް ހިމެނެއެވެ.
އެ ސްކޮލާޝިޕް ސްކީމުގެ ދަށުން މާސްޓާސް ޑިގްރީ، ބެޗެލާސް ޑިގްރީ އަދި ޑިޕްލޮމާގެ ކޯސްތައް ހިމެނޭހެން ރާއްޖެއާއި ބޭރުގައި ކިޔެވުމަށް 955 ސްލޮޓް އޮތް ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައިވެއެވެ.
މިދިޔަ އަހަރު ހެލްތު މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގައުމީ ޔުނިވާސިޓީން ވަނީ، ކުރިއަށް އޮތް ފަސް އަހަރަށް 1500 އެލައިޑް ހެލްތު ޕްރޮފެޝަނަލްސް ތަމްރީން ކުރުމަށް މަޝްވަރާކޮށްފައެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި، ރާއްޖޭގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށެވެ.