މަޖިލިސް ޑެޑްލޮކަކަށް ދިޔުމުގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް އުމަރު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ ހުށަހަޅައި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ރިޔާސަތާ ހަވާލުވުމަށް ރައީސް ނަޝީދު އުޒުރުވެރިވެފައިވާތީ، ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތުމުން ޖަލްސާ ވަނީ ނިންމާލާފައެވެ. މިފަހުން މަޖިލީހުގެ ޖަލްސާތަކުގައި އެޖެންޑާ ކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެއެވެ.

އެކަމާ ގުޅިގެން ކަނބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވަމުން އާދަމް ޝަރީފް "ސަން" އަށް ވިދާޅުވީ، ރައީސް ނަޝީދާއި އީވާގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓޭނެކަން އެމްޑީޕީގެ މެންބަރުންނަށް ސާފުކޮށް އެނގޭނެ ކަމަށާއި، އެކަން އެނގި ތިބެ އެ މައްސަލަ ވެއްދީ މަޖިލީހުގައި ތަޅު އަޅުވަން ކަމަށެވެ.

އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮވެމެ، މަޖިލިސް ކުރިއަށް ނުގޮސް ހުއްޓިފައި އޮތް އޮތުމަކީ ދެރަވަރު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަޖިލީސް ހުއްޓުމަކާ ހަމައަށް ނައިސް ކުރިއަށް ގެންދެވޭނީ އެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށާއި، އެކަން ކުރުމުގެ އިޚްތިޔާރު އެމްޑީޕީއަށް ލިބިގެންވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް. އެހެންވީމާ އެބޭފުޅުންނަށް އެބަ އޮތް ޗޮއިސް އެއް މަޖިލިސް ހުއްޓުމަކަށް ނައިސް އެކަން ކުރުމުގެ. މިކަމުގައި ފަސޭހަ ހައްލަކީ ރައީސް ނަޝީދުގެ ނޯ ކޮންފިޑެންސް މައްސަލަ އަނބުރާ ގެންދިއުން. އޭރުން ނައިބު ރައީސް [އީވާ] ގެ މައްސަލަ ކުރިއަށް ގެންދަން ރައީސް ނަޝީދަށް ރިޔާސަތާ ހަވާލު ވެވޭނެ. އީވާ ވަކިކުރުމަށް ފަހު ރައީސް ނަޝީދުގެ މައްސަލަ ހުށަހެޅޭނެ ނޫންތޯ. މެމްބަރު އާދަމް ޝަރީފް އުމަރު

އެމްޑީޕިގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނެފައިވަނީ އެއްވެސް މައްސަލައެއް އަނބުރާ ނުގެންދާނެ ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް ބޮޑު އަޣުލަބިއްޔަތަކުން ސޮއި ކޮށް މައްސަލަ މަޖިލީހަށް ވެއްދުމުން އޭގައި ރިވެތި އަދި ޑިމޮކްރެޓިކް ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އާންމު މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވުން ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވުމުގެ ސަބަބުން މަޖިލީހުގެ ދަފްތަރަށް އައި ބަދަލާ އެކު މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމެއެވެ. އިދިކޮޅުން ބުނާ ގޮތުގައި ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަވަސް ކުރަން އެމްޑީޕީ މެންބަރުންނާ އެކު ބޭއްވި އެއްވެސް ބައްދަލުވުމެއްގައި އެ މެންބަރުން ތިއްބެވީ "ދޫ ދެއްވާ ގޮތަކަށް ނޫނެވެ."

comment ކޮމެންޓް