އިންތިޚާބުގައި އިލެކްޝަނާ އެކު މަސައްކަތްކުރަން ފަސް މުއައްސަސާއަކުން ސޮއިކޮށްފި

އިލެކްޝަންސް ކޮމިޝަނާއި އިދާރާތަކާމެދު ވެވުނު އެއްބަސްވުން -- ފޮޓޯ/ އީސީ

މި އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ފަސް މުއައްސަސާއަކާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

ފަސް މުއައްސަސާއަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިއަދު އެ ކަމަށް ޓަކައި އިލެކްޝަންސް ކޮމިޝަންގެ މަސައްކަތް މިހާރު ހިންގަމުން އަންނަ ދަރުބާރު ގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އިލެކްޝަންސް ކޮމިޝަނާ އެކު ސޮއިކޮށްފައިވާ މުއައްސަސާތަކަކީ:

  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ސިވިލް ސާވިސަސް ކޮމިޝަން
  • ޑިޕާޓަމްންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން
  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
  • ލޯކަލް ގަވަމަންޓް އޮތޯރިޓީ

މި ރަސްމިއްޔާތުގައި އެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެގޮތުން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ ފަރާތުން އެ ތަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ރަޝީދާ ހިމެނިވަޑައިގަންނަވައެވެ.

އިލެކްޝަންސް ކޮމިޝަނާއި އިދާރާތަކާމެދު ވެވުނު އެއްބަސްވުން -- ފޮޓޯ/ އީސީ

މީގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދާއި އެލްޖީއޭގެ ޑިރެކްޓަރު ޝައްމޫން އާދިލް ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުންތަކަކީ ކުރިއަށް އޮތް އިންތިޚާބު ވީހާ ވެސް އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށްޓަަކައި ކުރާ މަސައްކަތަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

"މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުއިކަމަކާއި ފަސޭހަކަމެއް އަދި ފުރިހަމަކަމެއް އަންނާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއް ނުކުރުން،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުން އެ ކޮމިޝަންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭ ކަމަށެެވެ.

އިލެކްޝަންސް ކޮމިޝަނާއި އިދާރާތަކާމެދު އެއްބަސްވުމުގައި ސޮއިކުރި ހަފްލާގައި ފުއާދު ވާހަކަދައްކަވަނީ -- ފޮޓޯ/ އީސީ

އެގޮތުން ފުލުހުންނާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އިންތިޚާބުގައި ދަތުރުފަތުރު ހަމަޖެއްސުމުގެ އިންތިޒާމުތައް ފަހިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ސިވިލް ސާވިސަސް ކޮމިޝަނާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އިންތިޚާބުގެ ބައެއް މަސައްކަތްތަަކަށް ސިވިލް ސާވަންޓުން ދޫކުރުމުގައި ފަސޭހަ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޕޯސްޓު ލިމިޓެޑާ އެކު ވެވުނު އެއްބަސްވުމުގެ ތެރެއިން ރަށްރަށަށް ފޮނުވަންޖެހޭ ވޯޓު ފޮއްޓާއި ވޯޓިން ބޫތުފަދަ ތަކެތި ފޮނުވުމަށް އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ދުވަސްތައް ގުނަމުން އަންނައިރު މިހާރު އީސީން ވަނީ މި އަހަރުގެ އިންތިޚާބު ގަވާއިދު އާންމުކޮށްފައެވެ. އަދި، ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީ އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ވެސް މި މަހު 22ގެ ނިޔަލަށް ހުޅުވައިލައިފައެވެ.

comment ކޮމެންޓް