ދުނިޔޭގެ އެންމެ ކުޑަ ރެސްޓޯރެންޓަށް ދެވޭނީ ދެ މީހުންނަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންގެ މެދުގައި ސަމާލުކަން ދަމައިގަންނަ ތަފާތު އެކި ތަންތަން ހުރެއެވެ. ނަމަވެސް ރެސްޓޯރެންޓެކޭ ބުނެފި ނަމަ އެއީ އެންމެ ގިނަ ބަޔަކު ސަމާލުކަން ދަމައިގަންނަ ތަނަކަށް ނުވެއެވެ. އެކަމަކު އިޓަލީގެ ސަރަހައްދުގައި ހުންނަ މި ރެސްޓޯރެންޓަކީ ހަމަ ގައިމު ވެސް ސަމާލުކަން ދަމައިގަންނާނެ ތަނެކެވެ. އެއީ އެ ތަނުގެ ކުޑަކަމުންނެވެ.

އިޓަލީގެ ރޯމްގެ އުތުރުގެ އަވަށެއް ކަމަށްވާ ވެންކޫންގައި ހުންނަ ރެސްޓޯރެންޓް ކަމަށްވާ "ސޯލޯ ޕާ ޑޫ" އަކީ ދުނިޔޭގެ އެންމެ ކުޑަ ރެސްޓޯރެންޓެވެ. މިތަން ކުޑަ ވަނީ ސައިޒުގެ ގޮތުންނެއް ނޫނެވެ. އިޓަލީގެ އަވަށުގެ ރީތި މަންޒަރުތައް ފެންނަ މި ރެސްޓޯރެންޓަކީ ސައިޒުން ބޮޑު ތަނަކަށް ވި ނަަމަވެސް މިތަން ކުޑަ ވަނީ މިތަނުން އެއް ފަހަރާ ކާން ދެވެނީ އެންމެ ދެ މީހުންނަށް ކަމަށް ވާތީއެވެ.

ފައިން ޑަައިންއަށް އަމާޒުކޮށްގެން ހިންގާ މި ރެސްޓޯރެންޓަކީ ރޮމޭންޓިކް ޑޭޓަކަށް މީހަކު ގެންދާ ނަމަ އެ ކަމަށް އަމާޒު ކޮށްގެން ހިންގާ ތަނެކެވެ.

މި ރެސްޓޯރެންޓަށް ކުރިން ބައިން ރިޒާވް ކުރަން ޖެހޭއިރު މި ތަނުގައި މެނޫއެއް ނުހުރެއެވެ. އޭގެ ބަދަލުގައި ކަސްޓަމަރުން ބޭނުންވާ ކެއުމެއް ތައްޔާރު ކުރުމަށް ޝެފުން މަސައްކަތް ކުރެއެވެ. ނަމަވެސް މި ރެސްޓޯރެންޓަކީ އަގު ހެޔޮ ރެސްޓޯރެންޓެއް ނޫނެވެ. ސޯލޯ ޕާ ޑޫ އިން ދެ މީހެއްގެ ކެއުމަކަށް 500 އެމެރިކާ ޑޮލަރު ހޭދަވާނެއެވެ.

އެތައް އަހަރެއް ވަންދެއް ހިންގަމުން އަންނަ މި ރެސްޓޯރެންޓަކީ ރެސްޓޯރެންޓެއް ނޫން ކަމަށް އޯނަރުން ބުނެއެެވެ. އޭގެ ބަދަލުގައި އެ ތަނަކީ ކެއުމާ ގުޅޭ ތަޖުރިބާއެއް ކަމަށް އޯނަރުން ބުނެއެވެ. އެއީ، އެހެން ރެސްޓޯރެންޓުތަކާ ހިލާފަށް ކަސްޓަމަރުންނަށް ކޮލިޓީ ވަގުތު ހޭދަ ކޮށްލައި އެކީގައި ކައިބޮއި ރީތި މަންޒަރުތައް ބަލާލަން ސޯލޯ ޕާ ޑޫ އިން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް