މި އަހަރު ބަދަލުދިން ކުންފުނި ސިއްރު ކުރުމުން، އެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އެ މައްސަލަ ތަޅުމުގައު އިއްވުމަށް މެންބަރަށް ލިބުނު ފުރުސަތަށް ސަރުކާރު މެންބަރުން ހުރަސްއަޅާފައިވާތީ އެ މައްސަލަ އިއްވިފައެއް ނުވެއެވެ.
އެ މައްސަލައިގައި ވަނީ ސަރުކާރުން ބަދަލުގެ ނަމުގައި ސަރުކާރުގެ އިސް ފަރާތްތަކަށް ނިސްބަތްވާ ކުންފުނިތަކަށާއި ސަރުކާރުގެ ވެރިންނާ ގުޅުންހުރި ކުންފުނިތަކަށާއި ވަކިވަކި ޚާއްސަ ފަރުދުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.
މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން އެދުނު ބައެއް މައުލޫމާތު ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެ މައުލޫމާތުގައި ވާގޮތުން މި އަހަރު، ސަރުކާރުން ވަނީ އެއް ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައެވެ.
އެކަމަކު، މި އަހަރު ބަދަލު ދިން ކުންފުންޏާއި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޫކުރި އަދަދު ވެސް މިނިސްޓްރީން ވަނީ ސިއްރުކޮށްފައެވެ.
އާދަމް ޝަރީފްގެ މައްސަލައިގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތުތައް ހޯދަން ހުށަހެޅުމުން، ޚާއްސަކޮށް އެއް ކުންފުނީގެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަކީ ސަރުކާރުން ގާނޫނޫތަކަށް ހުރުމަތްތެރިކޮށް ހިތުން ކުޑަކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ސަރުކާރުން ދެކޮޅުހަދާކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވާކަން ފާހަގަކޮށް، އެ މައްސަލައިގައި ބުނެފައިވަނީ އެ ފައިސާ ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މީގެ އިތުރުން، ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ މި ދައުރުގައި ދޫކޮށްފައިވާއިރު އެކަން ކުރަން ވާނީ ޝަރުއީ ހަމަތަކުގެ ދަށުން ދެފުށް ފެންނަ ގޮތަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ފައިސާ ދޫކުރަން ޖެހުނު ސަބަބު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ވެސް މެންބަރުގެ ކުއްލި މައްސަލައިގައި ވަނީ ބުނެފައެވެ.
މެންބަރު ވަނީ ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ހުރިހާ ކުންފުނިތަކާއި ވަކިވަކި ފަރުދުންނާއި އެ ހުރިހާ ފަރާތްތަކަށް ފައިސާ ދޫކުރި އަދަދާއި އެ ފައިސާ ދޫކުރަން ޖެހުނު ސަބަބުތައް ތަފުސީލާ އެކު ހާމަކުރަން ގޮވާލައިފައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ، މި އަހަރު ބަދަލު ދިން ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާ ނުކުރެވޭނެ ކަމަށް ބުނެފައެވެ.