ފިލިޕީންސްގައި ލިޓްލް މާމެއިޑް ބަލަން ދިޔައީ ހުސް މާމެއިޑުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިޒްނީގެ ލައިވް އެކްޝަން ފިލްމު "ދަ ލިޓްލް މާމެއިޑް"އަށް ފާޑު ކިޔަމުން ދާއިރު ފިލިޕީންސްގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދައިފިއެވެ.

އެމެރިކާއިން ބޭރުގެ އެންމެ ބޮޑު ދެ ބޮކްސް އޮފީސް މާކެޓު ކަމަށްވާ ދެކުނު ކޮރިއާ އާއި ޗައިނާގައި ފިލްމަށް އެއްވެސް ކާމިޔާބީއެއް ލިބޭ ގޮތެއް ނުވެެއެވެ. ކަޅު ނަސްލުގެ މީހުންނަށް އޮންނަ ނަފުރަތާ ގުޅިގެން ފިލްމު ބަލަން ދާން އެތައް ބަޔަކު ބޭނުންނުވާ ކަމަށް ބުނާ ތަފާތު އެކި ވާހަކަތައް ވަނީ ދެ ގައުމުގެ ސޯޝަލް މީޑިއާތަކުން ވެސް ހާމަވެފައެވެ.

ދެ ގައުމަކީ މީގެ ކުރިން ވެސް ކަޅު ނަސްލުގެ މީހުންނަށް އެކި ކަހަލަ ފާޑު ކިޔުމާއި މަލާމަތް ކުރުމާއި ނަފުރަތު އުފެއްދުމުގައި ފާހަގަކޮށްލެވޭ ދެ ގައުމު ކަމުގައި އެތައް ބަޔަކު ބުނެއެވެ. މާމެއިޑްގެ ރޯލުން ހޭލީ ބެއިލީ ފެނުމުން އެތައް ބަޔަކު ދައްކާފައިވަނީ ވަރަށް ހުތުރު ވާހަކަތަކެކެވެ.

https://twitter.com/kuno_12/status/1666814426752880643?s=20

ނަމަވެސް މިއާ ހިލާފަށް ފިލިޕީންސް އިން ފެނިގެން ދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. އެތައް ބަޔަކަށް ލިޓްލް މާމެއިޑް ފިލްމު ކަމުދިޔައީއެވެ. އަދި، މާމެއިޑް ފިލްމު އަދި ކޮންޓެންޓުތަކަށް ފިލިޕީންސްގައި އޮންނަ ޑިމާންޑު މި ފިލްމާ އެކު ފެނިގެން ދިޔައެވެ.

ފިލިޕީންސްގެ ނޫސްތަކުން ބުނާ ގޮތުގައި އެތައް ސިނަމާތަކަކަށް ފިލްމު ބަލަން ދިޔަ ބަޔަކު ދިޔައީ ފިލްމަށް ވަރަށް ރެޑީ ވެގެންނެވެ. އަދި، އެތައް ބަޔަކު ސިނަމާތަކަށް ދިޔައީ މާމެއިޑުންނަށް ވެގެންނެވެ. ފިލްމު ބަލަން ވެސް މި މީހުން ތިބީ މާމެއިޑްގެ ކޮސްޓިއުމް ލައިގެންނެވެ.

ސިނަމާތަކަށް ދިޔަ އެތައް ބަޔަކު ބުނީ މާމެއިޑުންނަށް ހެދިގެން ފިލްމު ބަލަން ދިޔައިރު އެކަން ވެގެން ދިޔައީ ވަރަށް މަޖާ އިވެންޓަކަަށެވެ. އަދި، ލިޓްލް މާމެއިޑް ފިލްމު ވަރަށް ކަމުދިޔަ ކަމަށް ގިނަ ބަޔަކު ބުންޏެވެ.

ފިލިޕީންސްގައި 2018 ވަނަ އަހަރު އެޅުވި އެ ގައުމުގެ މާމެއިޑް ފިލްމަކަށް ވެސް ގިނަ ބަޔަކު ދިޔައީ އެގޮތަށް ކޮސްޓިއުމް ލައިގެންނެވެ.

comment ކޮމެންޓް