ކޮމިޓީތައް އެކުލަވާލުން މަޑުޖެހިފައި އޮތީ އަސްލަމްގެ އެދުމުގެ މަތީން: ނިއުޝާ

މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް މަޑު ޖެހިފައި އޮތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެދިވަޑަތުމުން ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވުމުގެ ސަބަބުން މަޖިލީހުގެ ދަފްތަރަށް އައި ބަދަލާ އެކު މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމެއެވެ. އެހެންކަމުން މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ އަބްދުﷲ ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާފައި ނުވާ ކަން ނިއުޝާ ވަނީ މެންބަރުންނަށް އަންގަވާފައެވެ.

އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ "އަބަދުވެސް ދެމިއޮންނަ" ކޮމިޓީތަކެއް ކަން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާއިރު، ކޮމިޓީތަކުގެ މެމްބަރުން ބަދަލުކުރުމަކީ ކޮމިޓީގެ މަސައްކަތް ހުއްޓޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގެ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވަން އޭނާ ވަނީ ނިއުޝާއަށް ގޮވާލާފައެވެ.

https://sun.mv/178462

އެކަމަށް ޖަވާބު ދެއްވައި އަމީން އާންމު މިއަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މެއި މަހުގެ 23 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ ވޯޓުގަޑީގައި ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށްޓަކައި ވޯޓަށް އެހުން އޮންނާނެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައި ވަނިކޮށް އެ ޖަލްސާގައި ވޯޓަށް އެހުން ފަސްކޮށްފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލްކުރައްވާނެ ހަމައަށް ބަދަލުގެނައުމަށް އަސްލަމް އެދިވަޑައިގެންނެވުމުން ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުންނާ މަޝްވަރާ ކޮށްގެން އަލުން އެ ނިސްބަތް ކަނޑައެޅުމަށް ރައީސް ނަޝީދު ނިންމެވީ އެއަށްފަހު ކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމުގައި ބަލާނީ މަޖިލީހުގައި ތަމްސީލް ކުރާ ޕާޓީތަކުން އެކިއެކި ކޮމިޓީގައި ހިމެނުމަށް އެ ޕާޓީގެ އުސޫލުތައް ނިޔާކުރާ ގޮތުގެ މަތީން މަޖިލީހަށް ހުށަހަޅާ މެންބަރުން ކަމަށާއި، އެ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުން ހިމެނުމުގެ މަސްލަހަތު ހިމާޔަތް ކުރާނީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަޝްވަރާގެ މަތީން މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

ނިއުޝާ ވިދާޅުވީ މި ވަގުތު ކުރިއަށް ދަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ މަރުހަލާ ކަމަށެވެ.

މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާ ކަމަށް ބުނެ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން އަންނައިރު މަޖިލީހުގެ އަމީން އާންމު ވަނީ މަޖިލިސް ޑެޑްލޮކަށް ދިއުމަށް މަޖިލީހުގެ ގަވާއިދު ތަން ނުދޭ ކަން ސާފުކޮށްދެއްވާފައެވެ.

އެގޮތުން، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ނޫނީ މަޖިލީހުގެ އިތުރު މަސައްކަތެއް ކުރުން މަނާވެގެން ވަނީ ނޯޓިހުގެ މުއްދަތު ހަމަވެ މަޖިލީހަށް ގަރާރު ހުށަހެޅުމަށް ފަހުއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އީވާގެ މައްސަލައިގައި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ 14 ދުވަހުގެ ނޯޓިސް އަންނަ އާދިއްތަ ދުވަހު ހަމަވާނެއެވެ. އެހެން ނަމަވެސް އެ މައްސަލަ އަދި ޖަލްސާއަށް ހުށަހަޅާފައެއް ނުވެއެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ނުނިމި ވަނީ މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުން އެއްބަސް ނުވެވިގެން ކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ، 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އަދި، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓުންނެވެ. އެއީ، މަޖިލީހުގައި ތިއްބަވައި 87 މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނެވެ.

comment ކޮމެންޓް